އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޖަމްޢިއްޔަތުލް ޤަަލަމްއާއި ބައްދަލުކުރައްވައިފި
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ޖަމްޢިއްޔަތުލް ޤަލަމްއާއި ބައްދަލުކުރައްވައިފިއެވެ.
ބުރާސްފަތި ދުވަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި އެ ޖަމްޢިއްޔާއިން ކުރިއަށް ގެންދާ އެކި މަސައްކަތްތަކާއި ގުޅޭ ގޮތުން ވަޒީރުގެ ޚިޔާލާއި ލަފާ ވަނީ އަރުއްވާފައެވެ.
މީގެ އިތުރުން ވަޒީރު ވަނީ އިސްލާމީ ތަރުބިޔަތާއި ދައުވަތުގެ ދާއިރާއިން، އެ ޖަމިއްޔާއިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ އަގުވަޒަންކުރައްވާ ކުރިއަށް އޮތްތަނުގައި އެ އަތޮޅުގައި ދީނީ ތަރުބަވީ ޕްރޮގްރާމް ހިންގުމަށް ޖަމިއްޔާ އަށް އެހީތެރިވެދޭނެކަމަށް ވިދާޅުވެފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ ރަށްރަށުގައި ހަރަކާތްތެރިވަމުން އަންނަ ދީނީ އިޖްތިމާޢީ ޖަމްޢިއްޔާތަކާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. މީގެ އިތުރުން ދީނީ ޖަމްޢިއްޔާތަކުގެ މަހާސިންތާއެއް ބާއްވާ ޖަމްޢިއްޔާތަކާއި ގުޅިގެން ކުރެވިދާނެ ކަންކަމާއި މެދު މަޝްވަރާކުރައްވާފައެވެ.