ދުންފަތް ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރާ ކައުންސިލްތަކަށް މާލީ އެހީދެނީ
ކައުންސިލްތަކުން އިސްނަގައިގެން ރަށުފެންވަރުގައި އަދި އަތޮޅު ފެންވަރުގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ހިންގާ މަސައްކަތުގެ އަގުވަޒަންކޮށް ސަރުކާރުން އެހީތެރިވާން ނިންމައިފި އެވެ.
މިއީ ދުންފަތް ކޮންޓްރޯލް ކޮށް މުޖުމަޢުގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރު ދިނުމަށް ނިންމަފައިވާ ނިންމުމެކެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅުއްވަން ނިންމާފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، މިކަމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތް ވީހާވެސް ރޭވުންތެރިކަމާއި އެކު ކުރަމުން އަންނަކަމަށެވެ. އެގޮތުން މި މަސއްކަތުގެ އެންމެ އެދެވޭ ނަތީޖާ ލިބޭނެ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް 5 އަހަރުގެ ޕްލޭން އެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ޕްލޭން އެކުލަވާލުމުގައި ކަމާބެހޭ އިދާރާތަކުގެ އިތުރުން، ރައްޔިތުންގެ ޚިޔާލާއި ބައިވެރިވުން ވެސް ހޯއްދަވާނެކަމަށް ވަނީ ނިންމާފައެވެ.
އެގޮތުން ދުންފަތް ކޮންޓްރޯލް ކުރުމަށް ރަށުފެންވަރުގައި އެންމެ ރަނަގަޅު މަސައްކަތަތަށް ކުރާ ކައުންސިލްތަކަށް އެދާއިރާގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މި ޕްލޭންގައި ހިމަނާނެކަމަށް މިނިސްޓަރ މިއަދު ވިދާޅުވި އެވެ.
" އެ އިދާރާކައުން ހިންގާ ތަރައްޤީގެ މަޝްރުއުތަކަށް ޚާއްޞަ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމް ދުންފަތް ކޮންޓްރޯލްކުރުމާއި ބެހޭ ދުރު ރާސްތާ ޕްލޭން އެކުލެވިގެންދާއިރު އެ ނިޒާމް ސަރުކާރުން ފަހިކޮށްދޭވޭނެ" މިނިސްޓަރ ނާޒިމް ވިދާޅުވި އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް 5 އަހަރުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްފަށާފައިވާއިރު، 'ދަފަރާ' ގެ ނަމުގައި ދުންފަތާ ދެކޮޅު ޚާއްޞަ ކެމްެއިނެއް އެޗްޕީއޭ އިން ވަނީ ފަށާފައެވެ. މި ކެމްޕެއިން މިހާތަނަށް ނ، ތ، ލ، އަދި ސ އަތޮޅުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
ސަރުކާރުން އަންނަނީ ދުންފަތް ކޮންޓްރޯލްކުރުމަށް މުހިންމު އަދި ހަރުދަނާ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.