މާލެ އަތޮޅު ޞިއްޙީ މަރުކަޒަށް 32 އަހަރު ފުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ޝަރަފުވެރިކޮށްދެއްވައިފި އެވެ.
ރޭ ތުލުސްދޫގައި ބޭއްވި މި ޚާއްސަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވަނީ މާލޭ އަތޮޅު ހޮސްޕިޓަލް އެޅުމުގެ މަސައްކަތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރ ވަނީ މި ސަރުކާރުން މާލެ އަތޮޅު ހޮސްޕިޓަލްގެ މަސައްކަތް ފެށިގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
" އިރާދަކުރެއްވިއްޔާ ތިބޭފުޅުންގެ އެ ހުވަފެނުގައި ( ހޮސްޕިޓަލް ) މިސަރުކާރުން ކުލަ ޖައސައިދޭނެ. އެކަން ހަގީގަތަކަށް ހައްދަވއަިދެއްވާނެ" މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ހޮސްޕިޓަލްގެ މަސައްކަތް ވީހާވެސް ރަނގަޅަށް ކުރިއަށް ގެންދިއުމަށް ކުރަންޖެގޭ މަސައްކަތާއި ގުޅޭކަންކަން ފިނޭންސް މިނިސްޓްރީއާއި އެކު މިހާރު މަޝްވަރާކުރަމުންދާ ކަމަށެވެ.
މި ރަސްމިއްޔާތުގައި މާލެ އަތޮޅު ޞިއްޙީ މަރުކަޒަށް ޚިދުމަތް ކުރަމުންދާ މުވައްޒަފުންނަށް އަގުވަޒަންކޮށް ވަނީ ހަނަދާނީ ފިލާ ދެއްވާފައެވެ. މީގެ އިތުރުން ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވާ ފަރާތްތަކަށްވެސް އެކަމުގެ އަގުވަޒަންކޮށް ޝަރަފުގެ ފިލާވަނީ އަރުއްވާފައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްމުވައްޒަފުން ބައިވެރިވަޑައިގެނެނެވިއެވެ.