ސިޓީސް މިނިސްޓްރީގެ ފަރާތުން ބާއްވާ ހަފުތާ 52 ގެ މަސައްކަތު ބައްދަލުވުން ވަޒީރު އާދަމް ޝަރީފު ޢުމަރު އިފްތިތާޙް ކޮށްދެއްވައިފި
ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ ފަރާތުން ބާއްވާ ހަފުތާ 52ގެ މަސައްކަތު ބައްދަލުވުން ވަޒީރު އާދަމް ޝަރީފު ޢުމަރު މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވީ މި މަސައްކަތު ބައްދަލުވުމުގެ ބޭނުމަކީ މިނިސްޓްރީގެ ލެވެލްގައި ކުރިއަށް އޮތްތާގައި މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހުރި ކަންތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި އެ ކަންކަން ރަނގަޅު ކުރެއްވުމަށް ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ މާޙައުލެއްގައި މަޝްވަރާކުރެވި، ކުރިއަށް އޮތްތާގައި ރަނގަޅު ޚިދުމަތްތަކެއް ދިނުމަށް މަސައްކަތްކުރެވޭނެ މާޙައުލެއް ޤާއިމްކުރުން ކަމަށެވެ.
"އަޅުގަނޑުމެން ތަންކޮޅެއް ފުންކޮށް ވިސްނާލާ ވޭތުވެ ދިޔަ އަހަރު އަޅުގަނޑުމެންގެ މި މިނިސްޓްރީ، އިދާރީ ހިންގުމާއި، އަދި މި މިނިސްޓްރީގެ ކަންކަން ހުރި ގޮތް ރަނގަޅަށް ދެނެގަތުމަށް ޓަކައި ތަޙުލީލީ ނަޒަރަކުން އެ ކަންކަމާ ދޭތެރޭގައި ފުންކޮށްވިސްނައިލައިގެން މަސއްކަތްކޮށްލައިގެން އަޅުގަނޑުމެން ކުރިއަށް ދިއުން" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ވޭތުވެ ދިޔަ އަހަރަކީ މިނިސްޓްރީގެ ސިޔާސީ ބޭފުޅުންނާއި ސިވިލް ބޭފުޅުން ވަރަށް ރަނގަޅަށް މަސައްކަތްތައް މޭނޭޖް ކޮށްގެން ކުރިއަށް ގެންދިޔަ އަހަރެއް ކަމަށާއި، އެ ގޮތުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރެއްވުމަށް ޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކުރެވިގެން ދިޔަ ކަމަށް ވިދާޅުވިއެވެ.
އެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުތައް ފުއްދެވުމަށް ޓަކައި ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުން ގެންދެވިކަމަށާ އެ ގޮތުން އީދުލައިޓްސް ރަށްރަށަށް ފޮނުވުމާއި، ރޯދަ ހަދިޔާ އަތޮޅުތަކަށް ބެހުމުގެ އިތުރަށް ރަށްރަށުގެ ކައުންސިލްތަކާއެކު ގިނަ ގުނަ މަސައްކަތްކުރަވައި ސީދާ މިނިސްޓަރ 178 ބައްދަލުވުމެއް ޗެއަރކުރެއްވިކަން ވަނީ ފާހަގަކުރައްވާފައެވެ.
އެއް ދުވަހުގެ މުއްދަތަށް ސްޓެލްކޯ އޮޑިޓޯރިއަމްގައި ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުމުގައި ސިޓީސް މިނިސްޓްރީގެ އިސް ބޭފުޅުންނާއި، އަތޮޅުތެރޭގައި މަސައްކަތްކުރައްވާ މިނިސްޓްރީގެ ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.