ވޯލްޑް ކަޕުން މެޑަލް ހޯދި ކެރަމް ޓީމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މަރުޙަބާ ދަންނަވައިފި
6 ވަނަ ކެރަމް ވޯލްޑް ކަޕުން މެޑަލް ހޯދި ކެރަމް ގައުމީ އަންހެން އަދި ފިރިހެން ޓީމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މަރުޙަބާ ދަންނަވައިފި އެވެ.
އެމެރިކާގެ ކެލިފޯނިއާގައި ކުރިއަށްދިޔަ 6 ވަނަ ކެރަމް ވޯލްޑް ކަޕްގައި 18 ގައުމަކުން ވާދަކުރި އެވެ. މި މުބާރާތުގައި ދިވެހިރާއްޖޭގެ އަންހެން ޓީމުންނާއި ފިރިހެން ޓީމުން ވަނީ ލޯ މެޑަލް ހޯދާފަ އެވެ.
ގައުމީ ކެރަމް ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް އާއި ކުޅިވަރު ވުޒާރާގެ އިސްވެރިންނެވެ. މީގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުޙައްމަދު އަބްދުއްސައްތާރު އާއި ޖެނެރަލް ސެކެޓްރީ ތަމޫހު އަހުމަދު ސައީދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ކެރަމް ވޯލްޑް ކަޕްގެ ތިން ވަނަ އަންހެން ޓީމުން ހޯދީ މުބާރާތް ބޭއްވި ގައުމު އެމެރިކާ އަތުން 2-1 ގޭމުން މޮޅުވެގެންނެވެ. ފިރިހެން ޓީމުން ވަނީ ތިންވަނަ ހޮވި މެޗުގައި ސިންގަޕޫރުގެ މައްޗަށް 2-1 އިން ކުރި ހޯދާފަ އެވެ.