ދުންފަތުގެ ގެއްލުން ރައްޔިތުންނަށް ކިޔަދިނުމަށް ސިއްހީ ދާއިރާގެ މުވަޒަފުން ނިކުންނަންޖެހޭ- މެޑަމް
ވޭޕު ކުރުމާއި ދުންފަތުގެ ގެއްލުންތައް ރައްޔިތުންނަށް ކިޔަދިނުމަށް ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ ކިބައިން ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެދިވަޑައިގެންފި އެވެ.
މެޑަމް ސާޖިދާ މުހައްމަދު މިކަމަށް އެދިވަދައިގަތީ މިނިސްޓްރީގެ ސިވިލް މުވައްޒަފުންގެ 52 ހަފުތާގެ މަސައްކަތުގެ އަގުވަޒަންކުރުމަށް އޮރެންޖް ހިޔާގައި ހޯމަދުވަހު ބޭއްވި ރަސްމިއްޔާތުގަ އެވެ..
މެޑަމް ސާޖިދާ ވިދާޅުވީ ޞިއްހީ ދާިއރާގެ މުވައްޒަފުން ވަކި ވަކި ފަރުދުންގެ ހައިސިއްޔަތުން ނިކުމެ ސަރުކާރުން ތަންފީޒުކުރަން ބޭނުންވާ ޕަބްލިކް ހެލްތް އިންޓަވެންޝަންސްތައް ޕްރޮމޯޓްކޮށް މިކަންކަން ކުރިއެރުމަށް އިތުރަށް ސަރުކާރަށް އެއްބާރުލުން ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. ސާޖިދާ ވިދާޅުވީ މިއީ ޞިއްހީ ދާިއރާއިން ކުރަން ބޭނުންވެފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން ޓެކްނިކަލް މުވައްޒަފުންގެ ހައިސިއްޔަތުން ވޭޕް މަނާކުރުމާއި ދުންފަތުގެ ނުރައްކަލުން މުޅި މުޖުތަމައު ރައްކާތެރިކުރުމަށް މަސައްކަތް ކުރުމަށް ޓެކްނިކަލް މުވައްޒަފުން ގެ ހައިސިއްޔަތުން ނިކުންނަންޖެހޭ ކަމަށް ވިދާޅުވިއެވެ.
މެޑަމް ވިދާޅުވީ މިއީ ހަމައެކަނި ސަރުކާރުގެ ޕޮލިސީއެއް ނުންކަމަށާއި މިއީ ޕަބްލިކް ހެލްތް އިންޓަވެންޝަންއެއް ކަމަށެވެ. މިއަށް ހެލްތު ދާއިރާގެ ފަންނީ މުވައްޒަފުންގެ ސަޕޯޓް މުހިންމުކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
އެކަމަނާގެ ވަހަކަފުޅުގައި ވިދާޅުވީ ކޮންމެ ސަރުކާރެއް އޮތްނަމަވެސް ސިވިލް ސަރވެންޓުންނަކީ އެއިރެއްގައި އަމަލުކުރަމުން އޮންނަ ސިޔާސަތުތަކާ އެއްގޮތަށް އަމަލުކުރަމުންދާ ބައެއްކަމަށެވެ. އަދި ހިތްހަމަ ނުޖެހޭ ގޮތަށް ސިޔާސަތުތައް އޮތްނަމަވެސް އެކަން ތަންފީޒުކުރުމަށް ފަސްޖެހޭ ބަޔަކަށް ސިވިލް ސަރވަންޓުން ނުވުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. ޚާއްސަގޮތެއްގައި ސިއްޙަތާ ގުޅިފައިވާ ކަންކަން ތަންފީޒް ކުރުމުގައި އެއްބާރުލުން ދިނުމަށް އިލްތިމާސްކުރެއްވިއެވެ.
ރާއްޖޭގައި ވޭޕް އެތެރެ ކުރުމާއި ބޭނުން ކުރުން އަދި ވިއްކުން މަނާ ކުރުމަށް އުފައްދާފައިވާ ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް މިމަހުގެ 14އިން ފެށިގެން ވަނީ އަަމަލުކުރަން ފަށާފަ އެވެ. އެއާ އެކު ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާވެފައިވާއިރު އެކަންކޮށްފިނަ ބޮޑެތި ޖޫރިމަނާތަކެއް އަންނާނެ އެވެ. އަދި އަންނަ މަހު 15 އިން ފެށިގެން ވޭޕް ބޭނުން ކުރުމާއި ވިއްކުން އަދި ބެހުން މަނާވާނެއެވެ.