52 ހަފްތާ: ތިނަދޫގައި 1000 ޓަނާއި ފެލިވަރުގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް އެޅުމުގެ މަސައްކަތް ކުރިއަށް
ގދ. ތިނަދޫ ސިޓީގައި ބިނާކުރަން ފަށާފައިވާ 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް ހުއްޓިފައި އޮތްއޮތުން ނިމުމަކަށް ގެނެސް އެ ފެސިލިޓީ ނިންމުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. އަމާޒަކީ މި އަންނަ އަހަރު މި ފެސިލިޓީ ނިންމާ ބޭނުން ކުރަން ފެށުމެވެ. ހުވަދު އަތޮޅު ދެކުނުބުރީގައި އެންމެ އަވަހަށް އޮޕަރޭޝަނަށް ގެނެވޭ ކޯލްޑް ސްޓޯރޭޖަކަށް މި ފެސލިޓީ ވެގެން ދާނެއެވެ.
19 ނޮވެންބަރު 2019 ވަނަ ދުވަހު ގދ. ތިނަދޫގައި މަސް ރައްކާކުރާ ފެސިލިޓީތައް ގާއިމުކުރަން އިއުލާނު ކުރިނަމަވެސް މި ކޯލްޑް ސްޓޯރޭޖުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 12 ޖުލައި 2023 ގައެވެ. މިފްކޯއިން މި ސްޓޯރޭޖު އެޅުމުގެމަސައްކަތް ހަވާލުކުރީ އެމްޓީސީސީއާއެވެ.
ތިނަދޫ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ހުއްޓިފައިވަނިކޮށް އެ ތަނުގެ މަސައްކަތް އަވަސްކުރުމަށް މަސްވެރި ވުޒާރާއިން މަސްލަހަތުވެރިންނާ މަޝްވަރާކޮށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލުހޯދުމަށް މަސައްކަތް ކުރިއެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހު ވަޒީރު އަޙްމަދު ޝިޔާމްވަނީ ތިނަދޫއަށް ޒިޔާރަތްކޮށް ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާފައެވެ. ވަޒީރު ޝިޔާމް ވިދާޅުވީ ތިނަދޫގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް 2025 ވަނަ އަހަރު ނިންމައި މަސްގަންނަން ފެށުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވާ ކަމަށާއި، އެކަމަށްޓަކައި ވުޒާރާއިން މަސައްކަތް އަވަސްކުރުމަށް ކުރެވެންހުރި ކަންކަން ކުރަމުންދާ ކަމަށެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ އެލް.އޯ.ސީގެ ދަށުން ކުރިއަށް ގެންދާ ފެލިވަރު ކޯލްޑް ސްޓޯރޭޖް އިތުރުކުރުމުގެ މަޝްރޫއު 2025 އަށް ނިންމާ ލެވޭނެއެވެ. ފެލިވަރުގެ ކޯލްޑް ސްޓޯރޭޖެ ކެޕޭސިޓީ އިތުރުކުރުމަކީ އުތުރުގައި މަސްކިރުވުމުގައި މިހާރު ދިމާވާ ދަތިތައް ވަރަށް ބޮޑަށް ހައްލުވެގެން ދާނެ މަޝްރޫއެކެވެ. މިހާރު ފެލިވަރުގައި ރައްކާ ކުރެވެނީ 750 ޓަނުގެ ގަނޑުމަހެވެ. މިޕްރޮޖެކްޓް 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ނިމޭއިރު ޖުމްލަ 4750 ޓަނުގެ ކޯލްޑް ސްޓޯރޭޖަކަށް ބަދަލުވެގެންދާނެ އެވެ.