މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލަފައަރއިން ފާއިތުވި 52 ހަފްތާގައި ކުރެވުނު މަސައްކަތުގެ މައްޗަށް އަލި އަޅުވާލާ މިއަދު ފޮތެއް ނެރުން
17 ނޮވެމްބަރު 2023 ގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިޒު ސަރުކާރު ހިންގެވުމާއި ހަވާލުވެވަޑައިގެން މުޅިން އަލަށް އުފެއްދެވި ދަނޑުވެރިކާމާއި ދިރޭ ތަކެއްޗާއި ބޭހޭ ވުޒާރާއިން ފާއިތުވެ ދިޔަ އެއް އަހަރު ކުރި މަސައްކަތްތަކަށް އަލި އަޅުވާލާ ސަރުކާރަށް އެއްއަހަރު ފުރުމާއި ގުޅިގެން މިއަދު މިނިސްޓްރީއިން ވަނީ ފޮތެއް ތައްޔާރުކޮށްނެރެފައެވެ. މި ފޮތް ނެރެދެއްވީ މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތި ރަމީލާއެވެ.
ފޮތް ނެރެދެއްވުމަށް ފަހު ވަޒީރު ވަނީ މުވައްޒަފުންނާއި މުޙާތަބުކުރަށްވާ ވާހަކަފުޅު ދައްކަވާފައެވެ. އެކަމަނާގެ ވާހަކަފުޅުގައި ވިދާޅުވީ، މިއަދަކީ މިނިސްޓްރީ އަށް ވެސް 1 އަހަރު ފުރުނު ދުވަސް ކަމުން ވޭތުވުދެދިޔަ 52 ހަފްތާގެ ތެރޭގައި ހުރިހާ މުވައްޒަފުން އެކުގައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ކާމިޔާބީތަކެއް ހާޞިލުކުރެވިފައިވާކަމަށާއި، އަދި ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ ގައި މި ވުޒާރާ އަށް ކަނޑައަޅުއްވާފައިވާ ކަންތައްތައް ހާސިލް ކުރުމަށްޓަކައި ގަދައަޅައި މަސައްކަތްކުރުމަށް އިލްތިމާސް ކުރެއްވިއެވެ.
މިއަދު ނެރުނު ފޮތުގައި، ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާއިން ހަފްތާ 14 ގެ ދަށުން ކުރި މަސައްކަތްތަކާއި، މި ދާއިރާގައި ރާއްޖޭގެ އެކި އެކިހިސާބުތަކުގައި ކުރި މުހިއްމު މަސައްކަތްތަކާއި، ބޭރުގެ އެހީގައި ހިންގަމުންދާ ޕްރޮޖެކްޓްތަކާއި ހޯދައިފައިވާ ކާމިޔާބީތަކުގެ އިތުރުން މިނިސްޓްރީއިން ބާއްވާފައިވާ އެކި އެކި ބައްދަލުވުންތަކާއި އެކި މަސައްކަތްތަކުގެ ތަފާސް ހިސާބުތައްވެސް ވަނީ ހިމަނާފައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރި ޖަނަވާރުންގެ ދުވަހާއި މިއަހަރުގެ ރާއްޖޭގެ ދަނޑުވެރިންގެ ދުވަސް އަދި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހު ހިންގި ހަރަކާތްތައްވެސް މި ފޮތުގައި ހިމަނާފައިވެއެވެ. ހަފްތާ 14 ގެ ދަށުން ޕައިލެޓް ކުރި ވާރޓިކަލް ފާމިން ރާއްޖޭގައި އިތުރަށް ފުޅާކުރުމަށް މިނިސްޓްރީއިން ރާވާފައިވާ ކަންތައްތަކުގެ މައްޗަށްވެސް މިފޮތުގައި އަލި އަޅުވާލާފައިވެއެވެ.
މީގެ އިތުރުން "52 ހަފްތާ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ކާމިޔާބީތައް 2024" ގެ ނަމުގައި ނެރުނު މިފޮތުގައި މިނިސްޓްރީގެ ބަޖެޓްގައި ހިމަނައިގެން ހިންގާ ޕްރޮގްރާމްތަކުގެ މަޢުލޫމާތާއި ކުރިޔަށް ޕްލޭން ކޮށްފައިވާ ކަންކަން ހިމަނާފައިވެއެވެ.