logo
banner image

މިސްކިތްތަކާ ބެހޭ ޤައުމީ މަޖިލިސް އެކުލަވައިލައްވައި މިސްކިތްތަކަށް ކުރާ ހޭދަ ތިން ގުނައަށް!

މިސްކިތްތަކަށް ދޭން ޖެހޭ އެންމެ އިސް އަހައްމިއްޔަތުކަންދީ، މިސްކިތްތަކަށް ކުރާ ޚަރަދު އިތުރުކުރެއްވުމަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ވަރަށް އިސްކަމެއް ދެއްވައިފައިވާ ކަމެކެވެ.

މެނިފެސްޓޯގައިވާ ކަންކަން ތަންފީޒުކުރެއްވުމުގެ ގޮތުން، މިސްކިތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުއްވާ ޚާއްސަ ކޮމެޓީއެއް، ޢިލްމުވެރިންގެ މައްޗަށް އެކުލެވޭ ގޮތަށް ޤާއިމުކުރުމަށާއި، އެ ކޮމެޓީގެ ބެލުމުގެ ދަށުން މިސްކިތްތަކުގެ ޙާލަތު މެދުނުކެނޑި ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި، މިސްކިތްތަކާބެހޭ ޤައުމީ މަޖިލިސް 2023 ޑިސެންބަރު 28ވަނަ ދުވަހު އިފްޠިތާޙުކޮށްފައިވާ އިރު، ރާއްޖޭގެ ފުންނާބު އިސް ދީނީ ޢިލްމުވެރީން ހިމެނޭހެން މިސްކިތްތަކާބެހޭ ޤައުމީ މަޖިލިސް ވަނީ 2024 ފެބުރުވަރީ 25ގައި އެކުލަވައިލައްވައިފައެވެ. އަދި މިސްކިތްތަކާބެހޭ ޤައުމީ މަޖިލީހުގެ ޤަވާޢިދު ވަނީ 2024 އޮގަސްޓު މަހު ފުރަތަމަ ދުވަހު ޢާންމުކުރައްވައިފައެވެ.

މީގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ މެނިފެސްޓޯގެ 6.3ގައި ބަޔާންކުރައްވައިފައިވާ ގޮތުގެ މަތީން، މިސްކިތްތަކުގެ އާބާތުރަފިލުވުމުގެ ގޮތުން، ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ކުރޭ ހޭދަ ތިން ގުނައަށް އިތުރުކޮށް މިއަހަރު ދައުލަތުގެ ބަޖެޓުން 15,000,000 ރުފިޔާއާއި، މިސްކިތްތަކަށް އެހީވާ ވަޤްފު ފަންޑުން 4,500,000 ރުފިޔާއާ އެކު، ޖުމްލަ 19,500,000 ރުފިޔާ މިސްކިތްތައް މަރާމާތުކޮށް އާބާތުރަފިލުވުމަށް ޓަކައި ޚަރަދުކުރާން ވަނީ ކަނޑައަޅުއްވައިފައެވެ.

މީގެ އިތުރަށް މިސްކިތުގައި ދުވަހުން ދުވަހަށް ކުރާންޖެހޭ މަރާމާތުގެ މަސައްކަތްތަކާއި، މިސްކިތްތަކާ ގުޅޭ އެހެނިހެން ކަންކަމާ ގުޅޭ ޝަކުވާ ހުށައެޅޭ ގޮތަށް، 'މަސްޖިދު ޕޯޓަލް'ގެ ނަމުގައި ޚާއްޞަ ޕޯޓަލެއް ވެސް ތަޢާރަފުކުރައްވައިފައި ވާކަން ފާހަގަކޮށްލެވެއެވެ.