ރާއްޖެއިން ބަންގަލްދޭޝްއަށް ކަނޑައަޅުއްވާފައިވާ ސަފީރު ބަންގްލަދޭޝްގެ ގައުމީ އެއާލައިންގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރާ ބައްދަލުކުރައްވައިފި
ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދު، އެ ގައުމުގެ ގައުމީ އެއާލައިން، ބިމާން ބަންގްލްދޭޝް އެއާލައިންސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޑރ. ޝަފީގުރް ރަޙްމާން އާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ސަފީރު ޝިއުނީން ވަނީ ސަރަހައްދީ ގައުމުތަކުގެ މެދުގައި ވައިގެ ދަތުރުފަތުރުގެ ނިޒާމުތައް ހަރުދަނާކޮށް އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި، ބަންގްލަދޭޝްގެ ގައުމީ އެއާލައިނުން ބަންގްލަދޭޝްއާއި ރާއްޖެއާ ދެމެދު ފެށުމަށް ހަމަޖެހިފައިވާ ދަތުރުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
އަދި ޑރ. ޝަފީގުރް ވަނީ ބީމާންއިން ބަންގްލަދޭޝްއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ދިމާވަމުންދާ ގޮންޖެހުންތަކާ ބެހޭ ތަފްސީލު ހިއްސާކުރައްވާފައެވެ. އަދި ޑރ. ޝަފީގުރް ވިދާޅުވީ ރާއްޖެއަކީ މިވަގުތު ބިމާން ބަންގްލްދޭޝް އެއާލައިންގެ ދަތުރުތައް ފެށުމަށް އެންމެ އިސްކަންދޭ އެއް މަންޒިލް ކަމަށާއި މިހާރު ކުރިއަށްދަނީ މި ދަތުރުތައް ފެށުމުގެ އެންމެ ފަހުގެ ޕްލޭނިން މަރުހަލާތައް ކަމަށެވެ.
ސަފީރު ޝިއުނީން ވަނީ ބަންގްލްދޭޝްގެ ފަތުރިވެރިންގެ ޝައުގުވެރިކަން ރާއްޖެއަށް އިތުރުވަމުންދާކަން ފާހަގަކުރައްވައި ނިމިދިޔަ ސެޕްޓެމްބަރ މަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވުނު އޭޝިއަން ޓުއަރިޒަމް ފެއާގައި ރާއްޖެއިން ބައިވެރިވެ ޕްރޮމޯޝަނަލް ހަރަކާތަތައް ހިންގާފައިވާކަން ފާހަގަކުރައްވާފައެވެ.
އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް ބަންގްލަދޭޝްގައި ބޭއްވޭ މިފަދަ ފެއާތަކުގައި ބައިވެރިވެ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ރާއްޖޭގެ ފަރުތުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަންވެސް އެ ކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދެ ބޭފުޅުންވަނީ ޖޮއިންޓް ޑެސްޓިނޭޝަން ޕްރޮމޯޝަނާ ގުޅޭގޮތުން ދެ ގައުމު ގުޅިގެން ކުރެވެންހުރި އިތުރު މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދިއުމުން، ކުރިއަށް އޮތްތަނުގައި ބަންގްލަދޭޝްއިން ރާއްޖެއަށް ޒިޔާތަރްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް ސަފީރު ވިދާޅުވިއެވެ.