ލަކީ ޑްރޯއަކުން ސްކޮލަރޝިޕް ހާޞިލުކުރުމުގެ ފުރުޞަތު!
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާ އިން، އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސަރވިސެސްގެ އެއްބާރުލުމާއެކު، 5 ދާއިރާއަކުން ސްކޮލަރޝިޕް ހާޞިލުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
މި ސްކޮލަރޝިޕަކީ "ދާލަން : ނޭޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2024" ގައި ބާއްވާ ލަކީ ޑްރޯ މެދުވެރިކޮށް ޙަވާލުކުރެވޭ ސްކޮލަރޝިޕެކެވެ.
ލަކީ ޑްރޯގެ ދަށުން، ގުރުއަތުން ހޮވޭ 5 ފަރާތަކަށް، މެލޭޝިޔާގެ ޒިއަމެން ޔުނިވާސިޓީގައި،
ބެޗްލަރސް އިން ޖަރނަލިޒަމް،
ބެޗްލަރސް އިން އަރޓިފިޝަލް އިންޓެލިޖެންސް،
ބެޗްލަރސް އިން މެރިން ބަޔޯޓެކްނޮލޮޖީ،
ބެޗްލަރސް އިން ޑިޖިޓަލް މީޑިޔާ ޓެކްނޮލޮޖީ އަދި ބެޗްލަރސް އިން ސޮފްޓްވެއަރ އިންޖީނިއަރިންގ ކިޔެވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
މި ސްކޮލަރޝިޕްގައި، ކޯހުގެ ޓިއުޝަން ފީގެ %100 ހިމެނިފައިވީ ނަމަވެސް، ހުރުމާއި، ކެޔުން ބުއިން ފަދަ އެހެނިހެން ޚަރަދުތަކަށް ޒިންމާ ވާންޖެހޭނީ ދަރިވަރު އަމިއްލަޔަށެވެ. މީގެ އިތުރުން، ކިޔަވާ ކޯސް، ދާއިރާ ނުވަތަ ޤައުމު ބަދަލުކުރުން ފަދަ އެއްވެސް ބަދަލެއް މި ސްކޮލަޝިޕްގެ ދަށުން ނުގެނެވޭއެވެ.
ލަކީ ޑްރޯއަށް ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތައް:
• މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގައި މަސައްކަތްކުރާ ފަރާތަކަށް ނުވުން
• ދިވެހި ރައްޔިތެއްކަމުގައިވުން
• ސްކޮލަރޝިޕަށް ހޮވޭ ތާރިޚުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި ޒިއަމެން ޔުނިވާސިޓީ އިން ޕްލޭސްމަންޓް ހޯދައި ކިޔަވަން ފަށާ ތާރީޚުން ފެށިގެން 3 އަހަރު ތެރޭގައި ކޯސް ފުރިހަމަކުރުން
• މޯލްޑިވިސް ކުއަލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ކޯހުގައި ބައިވެރިވުމުގެ ފެންވަރު ހުރުން
• ލަކީ ޑްރޯގައި ބައިވެރިވާ ކޮންމެ ފަރާތަކަށް ވެސް އެއް ސްކޮލަރޝިޕް ހާޞިލުކުރުމުގެ ފުރުޞަތު ލިބިގެންވުން (އެއް ފަރާތެއް އެއް ފަހަރަށްވުރެ ގިނަ ފަހަރު ހޮވިއްޖެނަމަ، ބަލައިގަނެވޭނީ ،ފުރަތަމަ ހޮވުން ފަހަރު އެކަނި)
މި ނޮވެންބަރު މަހުގެ 15 އަދި 16 ވަނަ ދުވަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "ދާލަން : ނޭޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2024" ނިންމުމުގެ ރަސްމިއްޔާތުގައި މި ސްކޮލަޝިޕް ހާޞިލުކުރެއްވި 5 ނަސީބުވެރިއެއްގެ ނަން އިޢުލާނުކުރެވިގެންދާނެއެވެ.
"ދާލަން : ނޭޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2024" ގެ ޕާޓްނަރުންނަކީ ދިރާގު، ޕީއެސްއެމް، ޕެންޝަންސް އޮފީސް، ބޭންކް އޮފް މޯލްޑިވްސް، އެޗްޑީސީ، ވެމްކޯ، ސްޓެލްކޯ އަދި ކެފޭ ޑެލިޒިއޯސޯ އެވެ.
އަދި މި އެކްސްޕޯ ގެ ސްޕޮންސަރުންނަކީ ސީގަލް ގްރޫޕް އާއި ވޮޔޭޖެސް މޯލްޑިވްސް އެވެ.
މީގެ އިތުރުން މި އެކްސްޕޯ ފަންޑްކޮށްދެނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ވޯލްްޑް ބޭންކުގެ ޚަރަދުގައި ހިންގާ ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސެސް (ސެއިލްސް) ޕްރޮޖެކްޓް އަދި މޯލްޑިވްސް: އެންހާންސިންްގް އެމްޕްލޯޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް (މީރީ) ޕްރޮޖެކްޓެވެ.