މުދައްރިސަކަށް ވާން ބޭނުންވާ ދަރިވަރުންގެ އަދަދު ދަނީ އިތުރުވަމުން - މިނިސްޓަރ
މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެ، މުދައްރިސަކަށް ވާން ބޭނުންވާ ދަރިވަރުންގެ އަދަދު އިންތިހާއަށް އިތުރުވަމުން ދާކަމަށް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް އިފުތިތާހުކުރުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ ލަފާފުލާއެކު، ޔުނިސެފްގެ އެހީތެރިކަމާއި، ޖީޕީއީގެ ފަންޑިންގ އާ އެކު 2024 ވަނަ އަހަރުގެ މާޗްމަހުން ފެށިގެން މިނިސްޓްރީއިން ކުރެވުނު މަސައްކަތުން، މުދައްރިސަކަށް ވުމުގެ ޝައުގުވެރިކަން ހުރި 130 އަށް ވުރެ ގިނަ ދަރިވަރުން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އަންނަ އަހަރު ހުޅުވާލެވޭ ފުރުޞަތުގައި މަދުވެގެން 150 ވަރަކަށް ދަރިވަރުން ބައިވެރިވާނެ ކަމުގެ އުންމީދުކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުދައްރިސްކަމަކީ ވަރަށް މާތް އަދި މުހިންމު މަސައްކަތެކެވެ. އަދި މުދައްރިސުންގެ އަގު ވަޒަންކުރެވި، މުދައްރިސުންނަކީ މުޖުތަމަޢުގެ ތެރޭގައި ގަދަރުވެރި، އަބުރުވެރި އަދި ޝަރަފުވެރި ބަޔަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ޚާއްޞަ އިސްކަމެއް ދެއްވާކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މި ޓީޗިންގ ޕްރޮގްރަމްގައި ބައިވެރިވެފައިވާ ލޮބުވެތި ދަރިވަރުން ތިޔަ ފެއްޓެވީ ވަރަށް މުހިންމު، މާތް މަސައްކަތެއް. ތިޔަ ބައިވެރިވެވެނީ ޤައުމު ބިނާކުރުމުގެ މަސައްކަތުގައި. އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަހަކީ ތިޔަ ގޮތުގައި ތިޔަ ދަރިވަރުން ގޮސް މުދައްރިސްކަމުގެ ސަނަދު ނަގާ، ޤައުމު ބިނާކުރުމުގެ މަސައްކަތް ފައްޓާތަން،" މިނިސްޓަރ ވިދާޅުވިއެވެ.