މިއަހަރުގެ ދަނޑުވެރިންގެ ދުވަހު ހަނިމާދޫ ސްކޫލްގައި އިފްތިތާޙްކުރި "ސްކޫލް ހައިޑްރޮޕޯނިކްސް ޕްރޮގްރާމް"ގެ ދަށުން ހައްދާފައިވާ ލެޓިއުސް ފުރަތަމަ ފަހަރަށް ހާވެސްޓްކޮށްފިއެވެ.
މިއަހަރުގެ ދަނޑުވެރިންގެ ދުވަހު ހަނިމާދޫ ސްކޫލްގައި އިފްތިތާޙްކުރި "ސްކޫލް ހައިޑްރޮޕޯނިކްސް ޕްރޮގްރާމް"ގެ ދަށުން ހައްދާފައިވާ ލެޓިއުސް ފުރަތަމަ ފަހަރަށް ހާވެސްޓްކޮށްފިއެވެ. ހާވެސްޓްކުރުމަށް ހަނިމާދޫ ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނި ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަންއެވެ. މިރަސްމިއްޔާތުގައި ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރާއި ހަނިމާދޫ ސްކޫލްގެ އިސްވެރިންނާއި މުވައްޒަފުން އަދި ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
ދަރިވަރުންގެ މެދުގައި ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ލޯބި އުފައްދައި، ދަނޑުވެރިކަމަށް ޝައުޤުވެރިވާ ޒުވާން ޖީލެއް އުފެއްދުމުގެ މަޤްޞަދުގައި ދަރިވަރުންގެ މަދުރަސީ ޙަޔާތުގައި ވޭތުކުރާ ދުވަސްވަރު ދަނޑުވެރިކަމުގެ ތަޖުރިބާއާއި އިލްމު ލިބިދެވޭނެ މަގު ތަނަވަސްކުރުމަށް މިނިސްޓްރީން މިދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިއީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ކުރިމަގު އުޖާލާ ކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްވެސްމެއެވެ.
ހައިޑްރޮޕޯނިކްސް ޕްރޮގްރާމްގެ ދަށުން ހަނިމާދޫ ސްކޫލްގައި ދަރިވަރުންނަށް މަސައްކަތުގެ ތަޖުރިބާ ޙާޞިލް ކުރެވޭނެ ގޮތަށް ކުޑަ ރެއިންޝެޑްއެއް ވަނީ ޤާއިމްކޮށްދީފައެވެ. އަދި ރެއިންޝެޑްގައި ހައިޑްރޮޕޯނިކްސް ސިސްޓަމްގައި ފަތްޕިލާވެލީގެ ބާވަތްތަކާއި ކިޔުކަންބާ އާއި މެލަން ފަދަ ބާވަތްތައް ހައްދާނެ ހައިޑްރޮޕޯނިކްސް ނިޒާމެއް ވަނީ ޤާއިމްކޮށްދީފައެވެ. ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުންގެ އިތުރުން ސްކޫލްގެ PTA ގެ މެންބަރުން ބައިވެރިވާ މިޕްރޮގްރާމްގައި 50 ބައިވެރިން ހިމެނެއެވެ.
މިޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް، ފުޅާ ދާއިރާގައި ވިޔަފާރީގެ އުޞޫލުން ހައިޑްރޮޕޯނިކްސް ދަނޑުވެރިކަން ކުރާ ގޮތް ބަލައި، ތަޖުރިބާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް، އޮކްޓޫބަރު މަހު 16 ވަނަ ދުވަހު ހއ. މާފައްސަށް ތަޖުރިބާ ދަތުރެއް ކުރުމުގެ ފުރުޞަތުވެސް މިނިސްޓްރީން ވަނީ ފަހިކޮށްދީފައެވެ.
މިޕްރޮގްރާމްގެ ދަށުން ލެޓިއުސްގެ އިތުރުން ހައިޑްރޮޕޯނިކްސްގައި ކިޔުކަންބާ ހެއްދުމުގެ މަސައްކަތްވެސް ދަރިވަރުން ދަނީ ޝަޢުޤުވެރިކަމާއެކު ކުރަމުންނެވެ.