ކައުންސިލްތަކުގެ ލަފާއާއި، މަޝްވަރާ ހޯއްދެވުމުގެ އިތުރަށް ގޮންޖެހުންތައް ބައްލަވާ: މޫސާ ޝަފީޤް ހއ. އަތޮޅު ކައުންސިލްގެ ރައީސް
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރަކީ އަބަދުވެސް ކައުންސިލްތަކުގެ ލަފާ ހޯއްދަވައި، ކައުންސިލުތަކާ މަޝްވަރާކުރައްވައި، ކައުންސިލުތަކަށް ހުރި ގޮންޖެހުންތައް ބައްލަވާ ވަޒީރެއް ކަމަށް ހއ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ޝަފީޤް ވިދާޅުވެއްޖެއެވެ.
ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤް މިހެން ވިދާޅުވީ އެ ކައުންސިލުން އަހަރަކު އެއް ފަހަރު މުޅި އަތޮޅަށް ހުޅުވައިލައިގެން ބާއްވާ ތިލައުތުރު ރަންތާޖު ޤުރުއާން މުބާރާތް – 2024 ނިންމުމަށް ހއ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ ހޯލުގައި އިއްޔެ ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
"އަބަދުވެސް ކަންކަމުގައި ކައުންސިލްތަކުގެ ލަފާއާއި، މަޝްވަރާ އައްސަވައި، ކައުންސިލުތަކަށް ހުރި ގޮންޖެހުންތައް ބައްލަވާ މިނިސްޓަރެއް" މޫސާ ޝަފީޤް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މޫސާ ޝަފީޤު ދެއްކެވި ވާހަކަފުޅުގައި، އެ ރަސްމިއްޔާތުގެ ހައިބަތު އިތުރުވެ، ރަސްމިއްޔާތު އިތުރަށް ފުރިހަމަވެ، އާރޯކަން އައީ، އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ވަޒީރު ވަޑައިގެންނެވުމުން ކަމަށް ވިދާޅުވެ، ވަޒީރު އާދަމް ޝަރީފު ޢުމަރަށް ޝުކުރު އަދާކުރެއްވިއެވެ. ޝަފީޤްގެ ޝުކުރުގައި އެހައި މޫސުން ގޯސް، ކަނޑު ގަދަ ދުވަހަކު، ކަނޑުތައް ހުރަސް ކުރައްވާ، ވަޑައިގެން ދެއްވި ކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައި ވެއެވެ.
ނިމި ދިޔަ ތިލައުތުރު ރަންތާޖު ޤުރުއާން މުބާރާތް – 2024 ގައި އެ އަތޮޅުގެ 13 ރަށަކުން ސަތޭކައަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވިއެވެ. މުބާރާތް އޮތީ ހއ. އުތީމުގައެވެ.