logo
banner image

ދިވެހިރާއްޖޭގެ ޓްރޭޑް ޕޮލިސީ ރިވިޢު ކާމިޔާބުކަމާއެކު ނިންމާލައިފި.

ސްވިޒްލޭންޑްގެ ޖެނީވާގައި، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ފަރާތުން އޮކްޓޯބަރ 23 ން 25 އަށް ދިވެހިރާއްޖޭގެ ހަތަރުވަނަ ޓްރޭޑް ޕޮލިސީ ރިވިއު (ޓީޕީއާރު) ވަނީ ބާއްވަވާފައެވެ. މި ބައްދަލުވުމުގެ މަގްސަދަކީ ޑަބްލިޔުޓީއޯ އިން ރާއްޖެއަށް އިގްތިޞާދީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަމަށް ހައްލު ހޯދައިދިނުމެވެ. މިފަހަރުގެ ޓީޕީއާރުގައި 2016 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ވިޔަފާރީގެ ސިޔާސަތުތަކާއި އުސޫލުތަކަށް އައިސްވާބަދަލުތަކަށް، ރާއްޖެއިން ހުށައެޅުއްވި ރިޕޯޓްގައި ވަރަށް ތަފްސީލްކޮށް އަލިއަޅުވާލާފައިވެއެވެ. ހަމައެކަނި ފަތުރުވެރިކަމާއި މަސްވެރިކަމަށް ރާއްޖޭގެ އިގްތިޞާދު ބޮޑަށް ބަރޯސާވެފައި ވީ ނަމަވެސް، މި މަޝްވަރާތަކުގައި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ޤައުމަކުން މަތީ މެދުފަންތީގެ ދަރަޖައަށް ރާއްޖެ ކުރިއަރާފައިވާ ކަމަށް މިބައްދަލުވުމުގައި ބައިވެރިވި ގިނަ މެންބަރު ޤައުމުތަކުން ވަނީ ފާހަގަ ކުރައްވާފައިވެއެވެ.

މި ޓީޕީއާރު ބައްދަލުވުމަކީ ދެމެހެއްޓެނިވި ތަރައްޤީއާއި އިޤްތިޞާދު ފުޅާކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ. ޓްރޭޑް ފެސިލިޓޭޝަން އެގްރީމަންޓް ތަންފީޒުކުރުމާއި ވިޔަފާރި އިތުރުކުރުމަށް އަދި ޑިޖިޓަލް ޕްލެޓްފޯމްތައް ތައާރަފްކުރުން ހިމެނޭ ގޮތަށް ރާއްޖޭގެ ވިޔަފާރީގެ ސިޔާސަތުގެ ނިޒާމު ހަރުދަނާކުރުމަށް ދިވެހިރާއްޖެ މިއަދުގެ ސަރުކާރުން ކުރަމުންގެންދާ މުހިންމު މަސައްކަތްތަކަށް ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ ތައުރީފު ވަނީ ލިބިފައެވެ. އަދި މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވެ، ދެމެހެއްޓެނިވި އިގްތިޞާދެއް ބިނާކުރުމަށް ރާއްޖޭގެ އަމާޒު ހުރިކަންވެސް މި ބައްދަލުވުމުގައި ވަނީ ހިއްސާ ކުރެވިފައެވެ. ހަމައެހެންމެ މިބައްދަލުވުމުގައި ވަނީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ އުސޫލުތައް ކުރިއެރުވުމާއެކު، ފަތުވެރިކަށް ފުޅާކޮށް، އިގްތިޞާދު ސިންދަފާތު ކުރުމަށް ކުރެވޭ މަސައްކަތަތްކުގެ މައްޗަށް އަލިއަޅުވާލާފައެވެ. ރާއްޖޭގެ ވަސީލަތްތަކުގެ ބޭނުން ހިފައިގެން ބައިނަލްއަގްވާމީ ޕާޓްނަޝިޕްތައް ހަރުދަނާކޮށްގެން، ކުރިމަގުގައި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ތަފާތު އަދި ހުރިހާ ފަރާތްތަކެއް ހިމެނޭ އިގްތިޞާދެއް ބިނާކުރަން ގިނަ މަސައްކަތްތަކެއް ކުރެވެނުމްދާ ކަމަށްވެސް ވަނީ މި ބައްދަލުވުމުގައި ހާމަކުރެވިފައެވެ.