20 ވަނަ ޤަރުނުގައި ރާއްޖޭގެ މާލީ ވުޒާރާ - ސުމުއްވުލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު
ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނަކީ ރާއްޖޭގައި ނުއުފުދޭވަރުގެ މޮޅު ބޭސްވެރިއެކެވެ. އެމަނިކުފާނަކީ ވެސް ހުރާ ދަރިކޮޅަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. ބައްޕައަކީ އެއްގަމުގޭ ތުއްތު ޢަލީދީދީ އެވެ. އެމަނިކުފާނުގެ ތުއްޕުޅުއިރު ކިޔައި އުޅުނީ ތުއްތު އަލީދީގެ ސީދީ ގެ ނަންފުޅުންނެވެ. މަންމައަކީ މުލީގޭ ތުއްތު ދީދީގެ ސިއްތި އެވެ. ނުވަތަ ވެލިދޫގޭ ސިއްތި އެވެ.
އަލްއަމީރު އިބްރާހީމް ޢަލީދީދީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީން 11 ޖޫން 1889 ގަ އެވެ. ތުއްޕުޅުއިރު ކިޔަވައި ވިދާޅުވުން އޮތީ އެއްގަމުގޭގަ އެވެ. އަލްއަމީރު އިބުރާހިމް ޢަލީދީދީއަކީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން 6 ގެ ދެވަނަ އަނބިކަނބަލުންނަށް ބޮޑުދައިތަ ވިދާޅުވާ ބޭފުޅަކަށް ވާތީ އެކިލެގެފާނު ބޮޑުފުޅުވީ ޝާހީ ޢާއިލާގެ ތެރޭގަ އެވެ.
އަލްއަމީރު އިބްރާހީމް ޢަލީދީދީގެ ޢުމުރުފުޅުން 14 އަހަރުގައި ރާއްޖެ ދޫކުރައްވައި ސިލޯނަށް ވަޑައިގަންނަވަން ޖެހިވަޑައިގަތެވެ. އެއީ އެކިލެގެފާނުގެ ބައްޕަ ތުއްތުޢަލީދީދި ސިލޯނަށް ބަދަލުވެ ވަޑައިގަތުމާ ގުޅިގެންނެވެ. އެދުވަސްވަރަކީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ހާޖީ އިމާދުއްދީން ރަދުން) ގެ ރަސްކަން ބަދަލުވެގެން ދިޔަ ދުވަސްވަރު ވެސް މެއެވެ.
އިބްރާހީމް ޢަލީދީދީ ސިލޯނުގައި ހުންނެވިއިރު ސިލޯނުގެ ސެންޓް ތޯމަސް ކޮލެޖަށް ވެދެވަޑައިގެން ކިޔަވައި ވިދާޅުވި އެވެ.އަދި އެ ކޮލެޖުން މެޓްރިކިއުލޭޝަން ފާސް ނެންގެވުމަށްފަހު، ދެން ވަޑައިގަތީ މިސުރަށެވެ. ދެން ކިޔަވައި ވިދާޅުވީ މިސުރުގެ ޖާމިޢުލް އަޒުހަރުންނެވެ. އެތާގައި ކިޔަވާވިދާޅުވާން ހުންނެވި ހުންނެވުމުގައި އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނާއި، އަލްއަމީރާ އުންމު ކުލްސުމްދީދީގެ އަލްއަމީރާ ގުލިސްތާން ޢިމާދުއްދީނާ ކާވެނިބައްލަވައި ގަތެވެ.
އަލްއަމީރު އިބްރާހީމް ޢަލީދީދި ކިޔަވައި ވިދާޅުވެގެން މާލެ ވަޑައިގެންނެވި ދުވަސްވަރަކީ ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ ހެދުމުގެ މަސައްކަތް ހިނގަމުން ދިޔަ ދުވަސްވަރު ކަމަށް ވާތީ އޭރު ތަޚުތުގައި އިންނެވި، އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން ރަދުންގެ އެންގެވުމަކަށް ޤާނޫނުއަސާސީ ހަދާ ކޮމެޓީގައި އިބްރާހީމް ޢަލީދީދިވެސް ހިމެނުއްވި އެވެ. އެމަނިކުފާނު ކިޔަވައި ވިދާޅުވެގެން ވަޑައިގެންނެވިއިރު، ޢަރަބިބަހާއި، އިނގިރޭސި ބަހާ، ސިންގަޅަ ބަސް ދެނެވަޑައިގަންނަވަ އެވެ.
ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ ނިމިގެން ޢިއުލާން ކުރެއްވި ދުވަހު އިޢުލާން ކުރެއްވި ވަޒީރުންގެ ތެރޭގައި ވެސް އިބުރާހީމް ޢަލީދީދީ ހިމެނިވަޑައިގަތެވެ. އެމަނިކުފާނަށް އެދުވަހު ދެ ވުޒާރާއެއް ޙަވާލު ކުރެއްވިއެވެ. އެއީ ވުޒާރަތުއް ޞިއްޙާގެ ވަޒީރުކަމާ، ވަޒީރުލް އައުޤާފުގެ ވަޒީރު ކަމެވެ. ނަމަވެސް ފުރަތަމަ ޤާނޫނު އަސާސީއަށް އަހަރުދުވަސް ވެސް ނުވެ އުޅެނިކޮށް އެ ޤާނޫނު އަސާސީ ރައްޔިތުން ވީދާލައި، އެކަމުގައި އުޅުއްވި ބޭބޭފުޅުން އެކިރަށްރަށް އަރުވައިލައި، އަދި ފޮނުވައިލައި ހެދިއިރު އޭގެ ތެރޭގައި އިބުރާހީމް ޢަލީދީދީ ވެސް ހިމެނިވަޑައިގަތެވެ. މިކަމުގައި ދުވަސްކޮޅަކު އުޅުއްވުމަށްފަހު، މިނިވަންވެ ވަޑައިގަތުމާއެކު އަނެއްކައިވެސް ވަޒީރުކަން ލިބިވަޑައިގަތެވެ. ސަރުކާރުގެ ދާއިރާގައި މަސައްކަތްޕުޅު ކުރެއްވިއިރު އަލްއަމީރު ޙަސަން ފަރީދު ދީދީއާއި، އަލްއަމީރު މުޙައްމަދު އަމީން ދީދީގެ އަރިހުގައި ވެސް ވަރަށް އިސް މަޤާމު ތަކުގައި އުޅުއްވި އެވެ. އަދި އައްސުލްޠާން ޙަސަން ނޫރައްދީން ރަސްކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ދައުލަތް ހިންގަވަން އުފެއްދެވި ވަލީ ކޮމެޓީގައި ވެސް އަލްއަމީރު އިބްރާހީމް ޢަލީދީދީ ހިމެނިވަޑައިގަތެވެ.
އަލްއަމީރު އިބްރާހީމް ޢަލީދީދީއަކީ ޤައުމުގެ މަސްލަޙަތަށްޓަކައި ކުރައްވަން ޖެހިވަޑައިގެންފި ކަމެއް އެއްވެސް ޖެހިލުންފުޅެއްނެތި ކުރައްވަމުން ގެންދަވައިފައިވާ ބޭފުޅެއްވެސް މެއެވެ. އެކަން އެކިލެގެފާނު ޢަމަލީގޮތުން ދައްކަވައި ދެއްވީ 1943 ވަނަ އަހަރުގެ ތެރޭގައި ދައުލަތާ ދެކޮޅަށް "އުތުރު ގަޑުބަޑު" ގެ މީހުން 552 އުޅަނދުގައި މާލެ އައި ދުވަހު އެވެ. އެދުވަހު، އެމީހުން މާލޭގެ ފަޅަށް ވަނުމުގެ ކުރީގައި ނަސޭޙަތްތެރި ވުމަށް ސަރުކާރުގެ އުޅަނދެއްގައި ބަނޑޮހާ ހަމައިން ބައްދަލު ކުރުމަށް ފޮނުއްވެވި ބޭފުޅުންގެ ތެރޭގައި ވެސް އެކިލެގެފާނު ހިމެނިވަޑައިގަތެވެ.
1372 ވަނަ އަހަރުގެ ޛުލްޙައްޖު މަހުގެ 11 ވަނަ ދުވަހު، (1943މ) ރައްޔިތުން ގުޅަކުޅޭ ފަސްގަނޑަށް އެއްވެ، ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދީދީގެ ދައުރު ބަދަލުކޮށްލި ދުވަހު ރައްޔިތުން ހަލަބޮލިވެ ހަޅޭލަވައި އަޑުގަދަކޮށް، ރުޅިއައިސްގެން ކޮންމެފަދަ ކަމެއް ކޮށްފާނެ ހިސާބަށް ދިއުމުން އެދުވަހު ވެސް ރައްޔިތުން މައިތިރި ކުރައްވައި، ޞުލްޙަ ޤާއިމް ކުރައްވަން ނުކުމެވަޑައިތީ ވެސް އިބްރާހީމް ޢަލީދީދީ އެވެ. އެދުވަހު އެމަނިކުފާނު ރައްޔިތުންނާ މުޚާޠަބު ކުރައްވައި ވިދާޅުވި އެވެ.
"ތިޔަބޭފުޅުން ތިޔަހެން އުޅުއްވައިގެން މިފަދަ ވަގުތެއްގައި އަޅުގަނޑުމެންނަށް މިހައި ދަތި މައްސަލައެއް ހަމަޖެއްސިދާނެތޯ އެވެ. ހުރިހައި ބޭފުޅުން ވެސް މަޑުމަތިރިކަމާއެކު ބައްލަވަން ތިއްބަވާށެވެ. ތިޔަބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ގޮތަށް މި ކަންތައް ކުރަނީ އެވެ. އިސްލާމް ދީނުގައިވާ ރިވެތި ގޮތަށް ކަންތައް ގެންދެވޭތޯ ތިޔަ ބޭފުޅުންވެސް ބައްލަވާށެވެ. އެއްވެސް ބޭކަލަކު އެއިން އެއްވެސް ބޭފުޅެއްގެ ގައިކޮޅުގައި އަތްޕުޅު ލައްވައިގެން ނުވާނެ އެވެ." ކިލެގެފާނު މިހެން ވިދާޅުވުމުން ރައްޔިތުން މައިތިރިވެ، ހަނުހިމޭނުން ތިބެއްޖެ އެވެ.
ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދީދީގެ ވެރިކަން ބަދަލުވެ، 1954 ވަނަ އަހަރުގެ މާރިޗް މަހުގެ ތެރޭގައި އަލްއަމީރު މުޙައްމަދު ފަރީދު ދީދީއަށް ރަސްކަން ލިބިވަޑައިގަތުމާއެކު ދިވެހިރާއްޖޭގެ ބޮޑުވަޒީރެއް ކަމުގައި ކީރިތި މަހާރަދުން ޢައްޔަން ކުރެއްވީ ވެސް ސުމުއްވުލް އަމީރު އިބުރާހީމް ފާމުލަދޭރި ކިލެގެފާނެވެ. އެ މަނިކުފާނަކީ އިނގިރޭސި ރާނީ ކުއީން އެލިޒަބަތުގެ ފަރާތްޕުޅުން ވެސް ޢިއްޒަތް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.
އެ ކިލެގެފާނުގެ ބޮޑުވަޒީރު ކަމުގެ ދުވަސްވަރުގެ ތެރޭގައި 27 ނޮވެމްބަރު 1955 އިން ފެށިގެން 14 ޑިސެމްބަރ 1957 އަށް މާލީ ވަޒީރުކަން ކުރައްވައިފައި ވެއެވެ.
ސުމުއްވުލް އަމީރު އިބުރާހީމް ފާމުލަދޭރި ކިލެގެފާނު ބޮޑުވަޒީރު ކަމުގެ މަޤާމުގައި ތިން އަހަރެއްހައި ދުވަހު ހުންނެވުމަށްފަހު، ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވީ 11 ޑިސެމްބަރ 1957 ގަ އެވެ. އޭރު އަނެއްކައިވެސް ރާއްޖޭގެ މަސްރަޙުއޮތީ ސިޔާސީ ގޮތުން މުޅިން ހަމަޖެހުމެއްގެ ތެރެއަކު ނޫނެވެ. ސުމުއްވުލް އަމީރު އިބުރާހިމް ފާމުލަދޭރި ކިލެގެފާނު އަވަހާރަވީ ޢުމުރުފުޅުން 86 އަހަރު ފުޅުގައި 10 ޖެނުއަރީ 1975 ގަ އެވެ.
(އިބުރާހިމް ފާމުލަދޭރި ކިލެގެފާނު. މުޙައްމަދު ލަޠީފު. ހ.ކަޅުހުރާގެ.)
