މިއީ ރާއްޖޭގެ ރައީސްއަކު، ގައުމުގެ ހައްގުގައި އެޅި އެންމެ މުހިންމު އެއް ފިޔަވަޅު: މިނިސްޓަރ
ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން މި އަހަރު 15 ނޮވެމްބަރުން ފެށިގެން މަނާ ކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިމަހު 14 ވަނަ ދުވަހުއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރުން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން މިނިސްޓަރ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް، އިބްރާހިމް ވަހީދު ވިދާޅުވީ، މިނިންމުމާ މެދު ގިނަ ޒުވާނުން އުފާކުރާ ކަމަށާއި މިއީ ރާއްޖޭގެ ރައީސްއަކު، އެންމެ މުހިންމު އެންމެ ހަރުދަނާ އަދި ގައުމުގެ ހައްގުގައި އެޅި އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށެވެ.
2019 ވަނަ އަހަރު ޑަބްލިއުއެޗްއޯއާއި ރާއްޖޭގެ ތައުލީމީ ނިޒާމާ ގުޅިގެން ސާވޭއެއް ހަދާފައިވާ ކަމަށާއި އެސާވޭން ދައްކާގޮތުން، 13 އަހަރާއި 15 އަހަރާ ދެމެދު ސްކޫލުތަކުގައި އުޅޭ ކުދިންގެ ގާތްގަނޑަކަށް 17 ޕަސަންޓު ކުދިން ވޭޕު ނުވަތަ އީސިނގިރޭޓު ބޭނުން ކުރާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވަނީ މި ނިންމުމަކީ ވަރަށް މުހިންމު އަދި ހަރުދަނާ ފިޔަވަޅު ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހި ޒުވާނުން މި ބަދަލު ބަލައިގަންނާނެ، އަދި މިކަމުގައި އަޅުގަނދުމެންނާއެކު ކުރިއަށްދާނެ، މިއީ ޒުވާނުންގެ ހައްގުގައި، ތިބޭފުޅުންގެ ހައްގުގައި، ތިބޭފުޅުންގެ ދަރީންގެ ހައްގުގައި، އަޅުގަނޑުމެންނާ އަޅުގަނޑުމެންގެ ކުދިންނާއި އަންނަން އޮތް ޖީލަށް އެންމެންގެ ހައްގުގައި ނިންމުނު ވަރަށް މުހިންމު ހަރުދަނާ ފިޔަވަޅެއް ކަމަށް ގަބޫލުކުރަނީ" މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގައި ވޭޕް މަނާކުރަން ނިންމާފައިވާއިރު އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓާ 24 ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް މަތިކުރަން ވެސް ރައީސް ވަނީ ނިންމަވާފައިވެއެވެ.
ރައީސް ވަނީ އެ މުދަލުން ނެގޭ އެޑްވަލޮރަމް ރޭޓް 50 އިންސައްތަ މަތިކުރަން ނިންމަވާފައެވެ.
ރައީސް ވަނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވެފައިވާ މުޖުތަމައަކަށް ދިވެހިރާއްޖެ ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.