އިންޑިއާ-މޯލްޑިވްސް ފޯރަމް: ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓްމަންޓް ކުރިއެރުވުން
އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމް ސީރީޒް ގެ ދެވަނަ ފޯރަމް އިންޑިއާގެ މުމްބާއީގައި މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާއި ކުރިއެރުންތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަލިއަޅުވާލައިފިއެވެ.
މި ހަރަކާތަކީ ކޮންފެޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީ، ފެޑެރޭޝަން އޮފް އިންޑިއަން ޗެމްބަރސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ އަދި އެސޯސިއޭޓެޑް ޗެމްބަރސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ އޮފް އިންޑިއާއިން ރާއްޖޭގެ އިގްތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ، އިންވެސްޓް މޯލްޑިވްސް އަދި ފަތުރުވެރިކަމާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި ފޯރަމްގެ މަޤްޞަދަކީ ދެގައުމުގެ ގުޅުން މިހާރަށްވުރެ އިތުރަށް ވަރުގަދަކޮށް، ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް، އިންޑިއާގެ ވިޔަފާރިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ފަތުރުވެރިކަމުގެ ދާއިރާއިންހުރި ފުރުޞަތުތައް އިންވެސްޓް ކުރަން ޝައުޤުވެރިވާ ފަރާތްތަށް ކިޔައިދިނުމެވެ.
މި ފޯރަމްގައި ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމަށް ހުޅުވާލެވިފައިވާ ދާއިރާތަކާއި ގުޅޭ ތަފްސީލީ މަޢުލޫމާތު ފޯރަމްގެބައިވެރިންނަށް ދީފައިވެއެވެ.