logo
banner image

ޔޫތު މިނިސްޓްރީން ހިންގާ "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް"ގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ ދެވަނަ ބެޗު ފަށައިފި

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން ހިންގާ "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް"ގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ ދެވަނަ ބެޗު ފަށައިފިއެވެ،

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެ، އެ މަސައްކަތުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން، މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދެވަނަ ބެޗު ފަށާފައިވަނީ ޝެރަޓޮން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަހީދު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފު ބައިވެރިވެވަޑައިގެންނެވިއެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ ފުރަތަމަ ބެޗްގެ ބައިވެރިން މާރޗް މަހުގެ ތެރޭގައި 43 ޒުވާނުން ގްރެޖުއޭޓުވިއިރު، އެހުރިހާ ޒުވާނުންނަށް ވަޒީފާ ވަނީ ޔަގީންވެފައެވެ.

ދެވަނަ ބެޗުގައި ޖުމްލަ 60 ޒުވާނުން ބައިވެރިވާއިރު، އޭގެ ތެރެއިން 43 ޒުވާނުންނަކީ ސްކޫލަށް ފަހު ކެރިއަރު ފަށާ އެޕްރެންޓިސްތަކެކެވެ.

މިޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ސްޓޭންޑަރޑްތަކާ އެއްގޮތަށެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް މަހުން މަހަށް ދޭ އެލަވަންސާއި، ކެއުމާއި ހުރުން ވެސް ހަމަޖެހިގެންދާއިރު، ޕްރޮގްރާމް ނިމުމުން ގްރެޖުއޭޓުވާ ފަރާތްތަކަށް އެމް.އެން.އެސް.ޑީ.އޭ އިން ނެޝަނަލް ސެޓްފިކެޓް އެމް.އެން.ކިއު.އެފް ލެވެލް 3ގެ ލިބިގެންދާނެއެވެ.

މި ޕްރޮގްރާމްގެ މަގުސަދުތަކުގެ ތެރޭގައި މަސައްކަތްތެރިކަމުގެ ދާއިރާގެ ތަމްރީނު ހޯދުމަށް ޝައުޤުވެރިވާ ޒުވާނުންނަށް މަސައްކަތްތެރިކަމުގެ ދާއިރާއިން ސަރުކާރު ޤަބޫލުކުރާ ފެންވަރުގެ ތަމްރީނު ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން މިޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް މަސައްކަތްތަކާއި ގުޅޭގޮތުން ނެޝަނަލް ކޮމްޕިޓެންސީ ބޭސްޑް ޓްރެއިނިންގް ސްޓެންޑާރޑް ތަކުގައި ހިމަނާފައިވާ ހުރިހާ ކޮމްޕިޓެންސީއެއް ހާސިލްކުރެވިފައިވޭތޯ ބަލައި، ކަށަވަރުކުރުމަށްފަހު، ތަމްރީން ފުރިހަމަކުރި ކަމުގެ ޤައުމީ ސަނަދު ދޫކުރުން މި ޕްރޮގްރާމްގެ މަގުސަދު ތަކުގެ ތެރޭގައި ހިމެނެއެވެ.

ހަމައެހެންމެ މަސައްކަތްތެރިކަމުގެ ދާއިރާގައި މިހާރު ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު މަދުކޮށް، އެވަޒީފާތައް އަދާކުރުމަށް އިތުބާރާއިއެކު، މަސައްކަތްކުރެވޭނެ ފެންވަރުގެ ހުނަރުވެރި ދިވެހި ޒުވާން މަސައްކަތްތެރީންތަކެއް ވަޒީފާގެ ބާޒާރަށް ނެރުން ވެސް މި ޕްރޮގްރާމްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އަދި ތެދުވެރިކަމާއި، ނަޒާހަތްތެރިކަމާއިއެކު އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ޚަރަދުބަރަދު ހަމަޖައްސާލެވޭނެ މިންވަރުގެ އާމްދަނީއެއް ހޯދައި، އަބުރުވެރިކަމާއިއެކު ދިރިއުޅެވޭނެމަގު ޒުވާން ދިވެހީންނަށް ފަހިކޮށްދިނުމަކީ ވެސް މިޕްރޮގްރާމްގެ މަގްސަދެކެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ތަމްރީނުތައް ކުރިއަށް ދާނީ މައިގަނޑު 6 ދާއިރާއަކަށް ހާއްސަ ކުރެވިގެންނެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، އިމާރާތްކުރުމުގެ ދާއިރާ، އިޖްތިމާއީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، އަދި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ދާއިރާ ހިމެނެއެވެ.

ތަމްރީނުވާ ދާއިރާތައް:

• ފްރޮންޓް އޮފީސް

• ހައުސްކީޕިން

• ލޯންޑަރީ ސާވިސަސް

• ކޮމާޝަލް ކުކަރީ

• ޕޭސްޓްރީ އެންޑް ބޭކަރީ

• ލައިފް ގާޑިން

• ބަރިސްޓާ

• އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓެނެންސް

• ފުޑް އެންޑް ބެވަރޭޖް ސާވިސަސް

މި ޕްރޮގްރާމް ހިންގާފައި ވަނީ:

• ޝެރަޓަން މޯލްޑިވްސް

• ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް

• ލެ މެރިޑިއަން މޯލްޑިވްސް

• ރިޓްސް ކާރލްޓަން މޯލްޑިވްސް

• އެސްޓީ. ރެޖިސް މޯލްޑިވްސް

• ޑަބްލިއު މޯލްޑިވްސް

• ވެސްޓިން މޯލްޑިވްސް