logo
banner image

އެއްގަމު އުޅަނދުފަހަރުގެ ފީ ތަކާއި ޖޫރިމަނާތައް އަލުން މުރާޖަޢާކުރަން ނިންމައިފި

މާލެފަހި ޕްރޮގްރާމްގެ ދަށުން އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރޭޝަން ފީ، އަހަރީ ފީ އަދި އެކިއެކި ޖޫރިމަނާތަކަށް ކަނޑައެޅިފައިވާ އަދަދުތައް އަލުން މުރާޖަޢާކޮށް، އައު އޮނިގަނޑެއް އެކުލަވާލުމަށް ވަނީ ނިންމާފައެވެ.

މި ނިންމުން ނިންމާފައިވަނީ މިހާރު ޢަމަލުކުރަމުންދާ ޤާނޫނާއި ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ އަދަދުތަކަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހާލަތަށް ރިޢާޔަތްކޮށް އަލުން ބަލައިލަންޖެހޭ އަދަދުތަކެއް ކަމަށް ފެންނާތީއެވެ. މިގޮތުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ތަފާތު ހާލަތްތަކަށް ބަލައި، އެ ސަރަހައްދަކާ އެކަށީގެންވާ ގޮތަށް އަދަދުތައް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ޖޫރިމަނާތަކަށް ކަނޑައެޅިފައިވާ އަދަދުތައް މުރާޖަޢާކޮށް ވަނީ ގެޒެޓްކުރެވިފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ރަޖިސްޓްރޭޝަން ފީ އާއި އަހަރީ ފީ ވެސް މުރާޖަޢާކޮށް، އައު އޮނިގަނޑެއް އެކުލަވާލައި ތަޢާރަފްކުރުމަށް ވަނީ ރޭވިފައެވެ.

މި ބަދަލުތަކުގެ ސަބަބުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެ ސަރަހައްދެއްގެ އިޤްތިޞާދީ ހާލަތާ އެކަށީގެންވާ ގޮތަށް ފީތައް ދެއްކުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން އެއްގަމު ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ލުއިފަސޭހަވެގެންދާނެއެވެ.