logo
banner image

އިސްލާމިކް މިނިސްޓްރީއާއެކު ދިރޭ ތަކެއްޗާމެދު އޯގާތެރިވުމާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބޭއްވިއްޖެ

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ޑެޕިއުޓީ މިނިސްޓަރ ފާޠިމަތު ޒުހުރާ އާއި މިނިސްޓްރީގެ ޓީމުން، އިއްޔެ އިސްލާމިކް މިނިސްޓްރީއާ ބައްދަލުކޮށް، ދިރޭ ތަކެއްޗާމެދު އޯގާތެރިވުމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި މުހިންމު ބައްދަލުވުން ބޭއްވުނީ އިސްލާމިކް މިނިސްޓްރީގައެވެ. މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް ޑރ. މޫސާ އަންވަރު ޙަސަން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، އަދި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަލްއުސްތާޛާ ޠަލްސޫމާ އަޙްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގެ މަޤްޞަދަކީ ދިރޭ ތަކެއްޗާމެދު އޯގާތެރިވުމުގެ މުހިންމުކަމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމާ ބެހޭގޮތުން މަޝްވަރާކުރުމެވެ. މިފަދަ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކަކީ އިސްލާމްދީނުގެ އުސޫލުތަކާ އެއްގޮތަށް ކުރިއަށް ގެންދަންޖެހޭ ކަމަކަށްވާތީ، އިސްލާމިކް މިނިސްޓްރީގެ ލަފައާއި އިރުޝާދު ހޯދުމަކީ މުހިންމު ކަމެއް ކަމުގައި ބެލެވެއެވެ.

މި ބައްދަލުވުމުގައި ދެ މިނިސްޓްރީގެ މެދުގައި ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނެވެ. އަދި ކުރިއަށް އޮތްތަނުގައި މި ދެ މިނިސްޓްރީ ގުޅިގެން މި ދާއިރާގައި އިތުރު މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.