logo
banner image

ލ. ގަމު އިމާރާތްކުރަމުންދާ 100 ހައުސިންގ ޔުނިޓް މަޝްރޫއުގެ 63 އިންސައްތަ މަސައްކަތް ނިމިއްޖެ

ލ. ގަމުގައި ސަރުކާރުން އިމާރާތްކުރަމުންދާ 100 ހައުސިން ޔުނިޓު މަޝްރޫއުގެ 63 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ

އެ މަޝްރޫއަކީ 2022 ވަނަ އަހަރުގެ މެއި މަހު އެސްޖޭ ކޮންސްޓްރަކްޝަންއާއެކު ކޮންޓްރެކްޓްގައި ސޮއިކޮށް އެ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށި މަޝްރޫއެކެވެ.

ގަމުގައި 100 ހައުސިން ޔުނިޓް އަޅަން އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވަނީ 84 މިލިއަން ރުފިޔާގެ އަގަކަށެވެ.

އެ މަޝްރޫއުގެ ދަށުން އަޅަން ހަމަޖެހިފައިވާ 100 ހައުސިން ޔުނިޓުގެ ތެރެއިން 98 ޔުނިޓު ވަނީ ހިޔާކޮށް ނިންމައިފައެވެ. އޭގެތެރެއިން 64 ޔުނިޓެއްގައި ސިމެންތިޖަހައި 12 ޔުނިޓެއްގެ އެތެރެ އަދި ބޭރު ސީލިންގުކޮށް އެއްކޮށްވަނީ ނިންމައިފައެވެ. އަދި މިހާރު 50 ޔުނިޓެއްގެ މުށި ޖެހުމުގެ މަސައްކަތް ނިންމާފައިވާއިރު 48 ޔުނިޓެއްގެ ކަރަންޓު ވައިރިންކޮށް އެއްކޮށް ވަނީ ނިންމައިފައެވެ.

އެ މަޝްރޫއުގެ ދަށުން އިމާރާތްކުރާނީ 1000 އަކަފޫޓުގެ ވަކި ގޭގެ ގޮތުގައި 100 ހައުސިން ޔުނިޓެވެ. އެ ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހަނަ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމް ހުންނާނެއެވެ.

ގަމުގައި އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަސޭހައަށާއި ހިތްހަމަޖެހުމަށް އެ ސަރަހައްދު ވަށައިގެން އަލިކޮށް އެ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ޤާއުމުކުރާނެއެވެ.