logo
banner image
ޚާރިޖީ ވުޒާރާ

އ.ދ.ގެ ޢާއްމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ދިވެހިރާއްޖެއިން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އުފެއްދުންތެރިކަން ބިނާކުރުމާ ގުޅޭ ބައްދަލުވުމެއް ބާއްވައިފި

ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނަޑިންސް އާއި ޔުނައިޓެޑް ނޭޝަންސް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓެޑް) އާ ގުޅިގެން އ.ދ.ގެ އާޢްމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހައިލެވެލް ސެގްމަންޓްގެ ހަވާސާގައި "ބިލްޑިން ޕްރޮޑަކްޓިވް ކެޕޭސިޓީ އިން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް" ގެ ނަމުގައި ދިވެހިރާއްޖެއިން ބައްދަލުވުމެއް މިއަދު އެމެރިކާގެ ނިއުޔޯކްގައި ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ތަޤްރީރުކުރައްވާފައެވެ. ބައެއް ޤައުމުތަކުން އެ ޤައުމުތަކުގެ އިޤްތިސާދީ ކުރިއެރުމުގެ ފުރިހަމަ ފައިދާ ލިބިގަންނައިރު، އެ ޤައުމުތަކެކޭ އެއްފަދައިން މަސައްކަތް ކުރަމުން އަންނަ ދިވެހިރާއްޖެ ފަދަ ޤައުމުތަކަށް އެ މަންފާ ހޯދުމަށް ދަތިވެފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، ތަރައްޤީގެ މަރުޙަލާތަށް ކަޑައްތުކުރެވޭނީ އާ ޞިނާޢަތްތައް ތަޢާރަފްކޮށް، ޤައުމުތަކުގެ މެދުގައި އޮތް ޓެކްނޮލޮޖީގެ ފަރަގު ނައްތާލައިގެންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނުގެ ތަޤްރީރަށްފަހު، މި ޕެނަލް ޑިސްކަޝަންގައި ދެން ވާހަކަފުޅުދައްކަވާފައި ވަނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު އެވެ. އެ މަނިކުފާނުގެ ތަޤްރީރުގައި "ޕްރޮޑަކްޓިވް ކެޕޭސިޓީ އިންޑެކްސް" ގެ ބޭނުންތެރިކަން ފާހަގަކޮށް، ކުރިއަރާފައިވާ އިޤްތިޞާދެއް ގޮތުގައި ދިވެހިރާއްޖެ ބިނާކުރުމަށް އެ އަސާސްގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅުދެއްކެވިއެވެ. މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިޤްތިޞާދަށް ކުރުމަތިވަމުންދާ ގޮންޖެހުންތަކަށް އަލިއަޅުވާލާ، އާ ޞިނާޢަތްތައް ތަޢާރަފްކޮށް ތަރައްޤީގެ އައު ހަރުފަތަކަށް ވާސިލުވުމަށް ބޭނުންވާ އެއްބާރުލުން ލިބޭނެ މި ފަދަ މަޝްވަރާކުރުމަށް ފަހިކޮށްދޭ މަންސަތަކުގެ އެހީގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ޕެނަލް ޑިސްކަޝަންގައި މޮޑަރޭޓްކޮށްދެއްވާފައި ވަނީ އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު އެވެ. މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރުގެ އިތުރުން މި ޕެނަލްގައި ހިމެނެނީ ކާބޯ ވަރޑޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ކޯޕަރޭޝަން އެންޑް ރީޖަނަލް އިންޓަގްރޭޝަން ޑރ ރުއި އަލްބަރޓޯ ޑެ ފިގުއެރެޑޯ ސޮއާރެސް، އިންގިރޭސިވިލާތުގެ ޕާލިއަމެންޓަރީ އަންޑަރ-ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އެފެއާޒް، ލޯޑް ކޮލިންސް އޮފް ހައިބަރީ އަދި އަންކްޓެޑް ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ޕެޑްރޯ މަނުއެލް މޮރޭނޯއެވެ. ޕެނަލިސްޓުން ވަނީ މޫސުމީ ބަދަލުތަކަށް ހޭނި ވިލުންތެރި އިޤްތިޞާދެއް ބިނާކުރުމަށްޓަކައި ބައިނަލްއަޤްވާމީ އެހީތެރިކަމުގެ މުހިންމުކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އުފެއްދުންތެރިކަމުގެ ޤާބިލުކަން ދެނެގަތުމަށާއި، ކުރިއެރުން ހޯދުމަށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން އަންކްޓެޑްގެ "ޕްރޮޑަކްޓިވް ކެޕޭސިޓީ އިންޑެކްސް" އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރެވޭނެ ގޮތްތަކާމެދުވެސް މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގެ މަޤްސަދަކީ މި އަހަރު އެންޓީގާ އެންޑް ބާބޫޑާގައި ބޭއްވި ހަތަރުވަނަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ކޮންފަރަންސްގައި ފާސްކުރެވިގެންދިޔަ "އެންޓީގާ އެންޑް ބާބޫޑާ އެޖެންޑާ ފޮރ ސްމޯލް އައިލަންޑް ޑިވެލޮޕިންގް ސްޓޭޓްސް" (އަބަސް) ތަންފީޒުކުރުމަށް ގޮވާލުމެވެ.