logo
banner image

ޒުވާނުންގެ އެވޯޑަށް ނަން ހުށަހަޅަން ބާކި 4 ދުވަސް!

ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ ޒުވާނުންގެ އެވޯޑަށް ނަން ހުށަހަޅަން ބާކީ 4 ދުވަހަށް ވެއްޖެއެވެ.

މިނިސްޓްރީން ވަނީ މި އިނާމަށް ނަން ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުން، އަލުން ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 14:00 ހަމައަށް ހުޅުވާލާފައެވެ.އެޕްލިކޭޝަން ހުށަހަޅާނީ ގޫގުލް ލިންކް ނުވަތަ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް (ސޯޝަލް ސެންޓަރ) އިންނެވެ.

އެޕްލިކޭޝަން ބަލައިގަތުން ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 14:00 އަށެވެ. ރަށްރަށުން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން މިނިސްޓްރީގެ މެއިލް [email protected] މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ އެދިފައެވެ.

ކުރިން އެޕްލިކޭޝަން ފުރިހަމަކުރުމަށްފަހު ހުށަހަޅާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެކެވެ.

ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވާއިރު އަހަރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 17 ދާއިރާއަކުން އިނާމު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.