logo
banner image

މެޕް ޕްރޮޖެކްޓްގެ ދަށުން ހިނާގާ ބިޒްނަސް މެނޭޖްމަންޓް ޓްރެއިނިންގ ޕްރޮގްރާމް ނިންމާލާފިއެވެ

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާރ އާއި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ހިންގާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ޕްރޮޖެކްޓްގެ ދަށުން ބިޒްނަސް މެނޭޖްމަންޓް އެންޑް އެންޓަރޕްރިނިއަރ ސްކިލްސް ޓްރެއިނިންގ ޕްރޮގްރާމެއް ވަނީ ނިންމާލާފައެވެ.

މި ޕްރޮގްރާމް ހިންގާފައިވަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ) އާ ގުޅިގެން، 25 ޖުލައިން 21 ސެޕްޓެންބަރުގެ ނިޔަލަށް، 12 ރަށެއްގައެވެ. ކޮންމެ ރަށެއްގައި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 4 ދުވަހުގެ މުއްދަތަށެވެ.

ޕްރޮގްރާމް ހިންގާފައިވާ ރަށްތަކުގެ ތެރޭގައި ހދ. ނޮޅިވަރަންފަރު، ހދ. ނޭކުރެންދޫ، ހދ. ކުމުންދޫ، ހދ. ވައިކަރަދޫ، ހދ. މަކުނުދޫ، ހއ. ކެލާ، ހއ. އުލިގަން، ހއ. ފިއްލަދޫ، ހއ. މޮޅަދޫ، ށ. ގޮއިދޫ، ށ. ނަރުދޫ އަދި ށ. ފޯކައިދޫ ހިމެނެއެވެ.

މި ޓްރެއިނިންގ ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވިޔަފާރިއެއް ފަށާނެ ގޮތާއި، އެ ވިޔަފާރިއަށް ހުރި ގޮންޖެހުންތައް ދެނެގަންނާނެ ގޮތާއި، ވިޔަފާރިއެއް ފެށުމަށް ކުރާ ހޭދައިން މަންފާ ހޯދާނެ ގޮތާއި އަދދި އަގުތައް ހަދާ މާކެޓް ކުރެވޭނެ ގޮތްތައް ކިޔައިދިނުމެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިކަން ހުންނަ އަމިއްލަ ފަރާތްތަކާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށާއި، އައި.އެފް.އެފްގެ މެންބަރުންނާއި، އެން.ޖީ.އޯތަކާއި އަދި ކޯޕަރޭޓިވްތަކަށް ވަނީ ހުޅުވާލެވިފައެވެ.

މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްޤީކުރުމަށް މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.