logo
banner image

ހުނަރުވެރި ޖީލެއް ބިނާކުރުމަށް ޒުވާނުންނަށް ގިނަފުރުސަތު ހޯދައިދިނުމަކީ އަމާޒެއް

މި ސަރުކާރުގެ އެންމެ އިސްކަމެއްދެއްވާ އެއްކަމަކީ ހުނަރުވެރި ޖީލެއް ބިނާކުރުމަށް ޤައުމަށް ބޭނުންވާ ދާއިރާތަކުން ހުނަރުވެރިން އުފެއްދުމަށް، ޒުވާނުންނަށް ގިނަ ފުރުސަތުތައް ހޯދަވައިދިނުންކަމަށް މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީއީއޯ ޛޫޝާން ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެންވިދާޅުވީ 2024 ވަނަ އަހަރު ޕޮލިޓެކްނިކުން ދަސްވެނިވުނު ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ޛޫޝާން ވިދާޅުވީ ހުނަރުވެރިން ބިނާކުރުމަށް ރައީޫސުލްޖުމްހޫރިއްޔާ ނުހަނު އިސްކަމެއް ދެއްވާކަމެއްކަމަށެވެ. އެގޮތުން ސަރުކާރުގެ ވިސްނުންފުޅުހުރީ ރާއްޖެއަށް ބޭނުންވާ އެކި ޓެކްނިކަލް ދާއިރާތަކަށް ޒުވާނުން ބިނާކުރުންކަމަށެވެ.

"ސަރުކާރުގެ ވިސްނުންފުޅުހުރީ ގައުމުގަ ތިބި ޒުވާނުންނަށް ގިނަގުނަ ފުރުސަތުތައް ހޯދައިދެއްވުން، އެވެރިންގެ ހުނަރުތައް ތަރައްގީ ކޮށްދެއްވުން، ވީމާ މިއަދު މޯލްޑިވްސް ޕޮލިޓެކްނިކް، ޓެކްނިކަލް އިންސްޓިޓިއުޓެއްގެ ހައިސީޔަތުން ޓެކްނިކަލް ދައިރާތަކުން ޑިގްރީ އަދި ޕްރޮފިޝަނަލް ކޮލިފިކޭޝަން ހޯދާދިނުމުގެ މަޝްވަރާތައް ކުރަމުންދާކަން ފާހަގަކުރަން"

ޛޫޝާން ވިދާޅުވީ ސަރުކާރުގެ މި އަމާޒަށް ވާސިލް ވުމަށްޓަކައި މޯލްޑިވްސް ޕޮލިޓެކްނިކްގައި މިއަދު ތަފާތު ދައިރާތަކުން ސެޓްފިކެޓް ލެވެލް 1 އިން އެޑްވާންސްޑް ޑިޕްލޮމާއާއި ހިސާބަށް ކިޔަވައިދެވޭކަމަށެވެ. އަދި މިއަދު މަސައްކަތްކުރަމުން މިގެންދަނީ މޯލްޑިވްސް ޕޮލިޓެކްނިކް އިންސްޓިޓިއުޓަކުން ކޮލެޖްއަކަށް ބަދަލުކުރުމުގެ މަރުހަލާތައްކަމަށެވެ.

"މިއިންސްޓިޓިއުޓްގެ ޙިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކޮށް ފޯރުކޮށް ދިނުމަށްޓަކައި ސ. ހިތަދޫ، ގދ. ގައްދޫ، ގއ. ވިލިނގިލީގެ އިތުރުން މިއަހަރު ތެރޭގަ ވަނީ ރ. އަލިފުށީ އަދި ހދ. ދިއްދޫ ގެ ކެމްޕަސްތަކުގެ ދަށުން ޓެކްނިކަލް ކޯސްތައް ފެށިފަ. މޯލްޑިވްސް ޕޮލިޓެކްނިކް މަގްޟަދަކީ އަދި ޕްލޭންތައް ކުރަމުން މިގެންދަނީ ވަޒީފާތަކަށް ބޭނުންވާ ޓެކްނިކަލް ހުނަރުތަކަށް ތަމްރީން ދީ، މޯބައިލް ސްކިލްސް ޓްރެއިނިންގ ޕްރޮގްރާމްތަކާ، ފަންނީ ހުނަރުވެރިން އިތުރު ތަރައްގީ ކުރުމަށް ބޭނުންވާ ހުނަރުތަކާއި ވަސީލަތްތައް ބޭރުގެ އެކިއެކި ފަރާތްތަކާއި ގުޅިގެން ހޯދަމުން . މިގޮތުން ޓާރކީ ސަރުކާރުގެ އެހީގެދަށުން ޒަމާނީ ފެންވަރުގެ ލެބެއް ވަނީ ލިބިފައި"

ޛޫޝާންގެ ވާހަކަފުޅުގައިި އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ހުނަރުވެރި ޒުވާނުންނަށް ރަށުގައި ތިބެގެން މަސައްކަތްތެރި ކަމުގެ ހުނަރު ހޯދުމަށް އޯޕަން ލަރނިންގ އަދި އީ ލާރނިންގ ގެ ހިދުމަތް ފޯރުކޮށް ދިނުމަށް މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށާ، ކުރިއޮތްތާގައި މޯލްޑިވްސް ޕޮލިޓެކްނިކުން ތަމްރީން ހޯދަން އަންނަ ކޮންމެ ދަރިވަރަކީ އާޓިފިޝަލް އިންޓެލިޖަން ބޭސިކް ތަމްރީން ލިބިފައިވާ ދަރިވަރަކަށް ހެދުމަކީ އަމާޒެއްކަމަށެވެ.