logo
banner image
ޚާރިޖީ ވުޒާރާ

އަންނަ ޖެނުއަރީ 8 އިން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިން ވެސް ހާއްސަ ހުއްދައެއް ނަގަންޖެހޭ

އިނގިރޭސިވިލާތުގެ ސަރުކާރުން އެ ޤައުމުގެ އިމިގްރޭޝަން ޤަވައިދަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަން އެފަރާތުން ވަނީ އަންގަވާފައެވެ.

މި ބަދަލުތަކުގެ މައިގަނޑު މަޤްޞަދަކީ އެޤައުމުގެ ބޯޑަރު ކޮންޓްރޯލް ސެކިއުރިޓީ ޑިޖިޓަލައިޒްކޮށް، އިތުރަށް ހަރުދަނާކޮށް، އިމިގްރޭޝަން ނިޒާމުގެ ނަހަމަ ބޭނުންކުރުން ހުއްޓުވައި، އިނގިރޭސިވިލާތަށް ވަނުމުގެ ކުރިން އިތުރު ސަލާމަތީ ފިޔަވަޅުތައް އެޅުންކަމުގައި އެފަރާތުން މައުލޫމާތު ދެއްވާފައިވެއެވެ.

މި ބަދަލާ ގުޅިގެން، 27 ނޮވެމްބަރ 2024 އިން ފެށިގެން، ދިވެހިރާއްޖެ ހިމެނޭ ގޮތަށް 49 ޤައުމެއްގެ ރައްޔިތުންނަށް އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީ.ޓީ.އޭ.) އަށް ރިކުއެސްޓް ކުރެވޭނެއެވެ.

އަދި 8 ޖެނުއަރީ 2025 އިން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރެވޭނީ އީ.ޓީ.އޭ. ހޯދުމަށްފަހުގައެވެ. އީޓީއޭއެއްގެ އަގަކީ 10 ޕައުންޑް ކަމަށާއި، އީޓީއޭގެ މުއްދަތަކީ 2 އަހަރު ދުވަސް ކަމަށާއި، ކޮންމެ ދަތުރެއްގައި އެއްފަހަރާ ގިނަވެގެން 6 މަސް ދުވަހަށްވުރެ އިތުރުނުވާގޮތަށް ނުވަތަ ޕާސްޕޯޓް މުއްދަތު ހަމަވަންދެން އިނގިރޭސިވިލާތަށް މަލްޓިޕަލް ދަތުރުކުރުމުގެ ހުއްދަ ދެވޭނެކަމަށް އެފަރާތުން ފާހަގަކޮށްފައިވެއެވެ.

އަދި 02 އޭޕްރީލް 2025 އިން ފެށިގެން، އިނގިރޭސިވިލާތަށް ދަތުރުކުރާ، އިނގިރޭސިވިލާތާއި އަޔަލެންޑްގެ ރައްޔިތުން ފިޔަވައި ހުރިހާ ގައުމެއްގެ ރައްޔިތުންވެސް އިނގިރޭސިވިލާތަށް ދަތުރުކުރުމުގެ ކުރީން އީ.ޓީ.އޭއަށް ރިކުއެސްޓް ކުރަން ޖެހޭނެކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

އީ.ޓީ.އޭ. އާބެހޭ އިތުރު މައުލޫމާތު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

https://www.gov.uk/guidance/apply-for-an-electronic-travel-authorisation-eta

ވީމާ، އިނގިރޭސިވިލާތަށް ދަތުރުކުރުމަށް ބޭނުންފުޅުވާ ދިވެހި ރައްޔިތުން މި ބަދަލުތަކަށް ސަމާލުކަން ދެއްވާ އިނގިރޭސިވިލާތުގެ އިމިގްރޭޝަން ޤަވައިދުތަކާ އެއްގޮތަށް އަމަލުކުރެއްވުމަށް ދަންނަވަމެވެ.