logo
banner image

ފަންގަނޑު ހިބަރުގެ ކާނާ އާއި ކެއުމުގެ ވައްޓަފާޅި އަދި ބޮޑުވާ މިންވަރު

ފަންގަނޑު ހިބަރަކީ އޭގެ މަތީ ކޮތަރިބައި (ފަންގަނޑު) ބޭނުންކޮށްގެން މިޔަރެމުގެ ބާވަތްތައް އަދި ގުންބަޅަ ފަދަ އައިން ހަދައިގެން އުޅޭ ކުދިމަހުގެ އައިންތައް ލަވައި އެއްކުރުމަށްފަހު އައިނަށް ހަމަލާދޭ މަހެކެވެ.

މިބާވަތުގެ ކުދި މަހުގެ އިތުރުން ބޯވަ އާއި ބޯވަދިލަމަހުގެ ބާވަތްތައްވެސް ފަންގަނޑު ހިބަރުގެ ކާނާގެ ތެރޭގައި ހިމެނެއެވެ.

ބޮޑުވާ މިންވަރާއި ފުރާވަރަށް އަރާ އުމުރު:

ފަންގަނޑު ހިބަރަކީ ހިބަރު އާއިލާގެ ބާވަތްތަކަށް ބަލާއިރު ނިސްބަތުން ކުޑަ، އެހެންނަމަވެސް އަވަހަށް ބޮޑުވާ މަހެކެވެ. މިބާވަތުގެ ތެރެއިން މިހާތަނަށް އެންމެ ބޮޑު ކަމަށް ރިކޯޑުކުރެވިފައިވާ މަހުގެ ދިގުމިނުގައި (ލޯވަރ ޖޯ ފޯރކް ލެންތް - ތިރީ ތުންގަނޑުން ފެށިގެން ނިގޫ ދެކަފިވާ ހިސާބަށް) 348 ސެންޓިމީޓަރު (11 ފޫޓު) ހުރިކަމަށްވެއެވެ. އަދި މިހާތަނަށް ދުނިޔޭގައި މިބާވަތުގެ އެންމެ ބަރު މަހަކަށް ރިކޯޑު ކުރެވިފައިވަނީ 100.2 ކިލޯގެ މަހެކެވެ.

ފަންގަނޑު ހިބަރާގުޅޭ ގޮތުން ލިޔެފައިވާ އެކިއެކި ލިޔުންތަކުން ދައްކާގޮތުގައި ފަންގަނޑު ހިބަރުގެ އެންމެ ދިގު އުމުރަކީ ތޭރަ އަހަރެވެ. ފަންގަނޑު ހިބަރު ފުރާވަރަށް އަރާ ކަމަށް ރިޕޯޓުކޮށްފައިވަނީ 203 ސެންޓިމީޓަރާއި 210 ސެންޓިމީޓަރާ ދެމެދުގެ ދިގުމިނަކަށް (ގާތްގަނޑަކަށް 7 ފޫޓަށް) ބޮޑުވުމުންނެވެ (ޖިރޯލްޓް އެޓް އަލް، 2019).