logo
banner image

ނޭޝަނަލް ކެރިއަރ ސަރވިސް އިން އަތޮޅުތަކަށާއި މާލެއަށް އަމާޒުކޮށްގެން ޕްރޮގްރާމްތައް މިމަހު ފަށާނެ

ނޭޝަނަލް ކެރިއަރ ސަރވިސް ގެ އެންމެ މުހިންމު މަސައްކައްތަކީ ރާއްޖެއަށް ބޭނުންވާ މުހިންމުދާއިރާތަކުން، މަސައްކަތުގެ މާހައުލަށް މީހުން ބިނާކުރުމެވެ. އެގޮތުން އެ އިދާރާއިން މިހާރުވަނީ މުޅިރާއްޖެއަށް ހުޅުވާލައިގެން ކެރިއަރ ގައިޑެންސް ޕްރޮގްރާމްތަކެއް ފެށުމަށް ތައްޔާރުވަމުންނެވެ.

ނޭޝަނަލް ކެރިއަރ ސާރވިސް ކުރިން ހުރީ ޖޮބްސެންޓަރގެ ގޮތުގައެވެ. އޭރު އެ އިދާރާއިން ކުރަމުން އައި މަސައްކަތަކީ ވަޒީފާ ދޭ ފަރާތުން ހުރި ފުރުސަތުތައް ވަޒީފާ ހޯދާ ފަރާތްތަކާއި ހަމައަށް ފޯރުކޮށްދީ ގުޅުވާދިނުމުގެ މަސައްކަތެވެ. އެހެންނަމަވެސް މަސައްކަތުގެ މާހައުލުގައި ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން ދިވެހިން ބިނާކުރުމަކީ މި ސަރުކާރުން އިސްކަމެއްދެއްވާކަމެއްކަމުން، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެމަތިން ޖޮބްސެންޓަރގެ ނަން ނޭޝަނަލް ކެރިއަރ ސަރވިސް އަށް ބަދަލު ކުރައްވާ، މީހުން ބިނާކުރުމުގެ މަސައްކަތްތައް މިވަނީ ފުޅާކުރައްވާފައެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ ނޭޝަނަލް ކެރިއަރ ސަރވިސް އިން ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް ބާރު ސްޕީޑް ގައި މަސައްކަތްތަކެއް ފެށުމަށް މިހާރު ތައްޔާރުވެފައިވާކަމަށާ، މި މަހުގެ ފަހުކޮޅުގައި މި މަސައްކަތް ފެށޭނެކަމަށެވެ.

" ޖޮބްސެންޓަރގެ ނަން، ނޭޝަނަލް ކެރިއަރ ސަރވިސްގެ ނަމަށް ބަދަލު ކުރައްވާ އެތަނުގެ މެއިންޑޭޓް މިވަނީ ފުޅާކުރައްވާފަ. އެހެންކަމުން ކެރިއަރ ގައިޑެންސް އަކީ މިހާރު އެތަނުން ކުރާނެ އެންމެ ބޮޑު އެއް މަސައްކަތް. އަޅުގަނޑުމެންވެސް މިހާރު މިމަހުގެ ފަހުކޮޅާއި އަންނަމަހުގެ ކުރީކޮޅުންފެށިގެން އަތޮޅުތަކަށާއި އަދި މާލޭގަ ކެރިއަރ ގައިޑެންސް ވަރަށް ބާރު ސްޕީޑް ގައި ފެށުމަށް މިހާރުވަނީ ޕްލޭންތަކެއް ހެދިފަ"

މީގެ އިތުރުން އަހަރަކު ދެފަހަރު ކެރިއަރ އެކްސްޕޯއެއް ބޭއްވުމަށްވެސް އަންނަނީ ތައްޔާރުވަމުންނެވެ. އޭގެ ތެރެއިން ކައުންސެލިންނާއި މަތީތައުލީމްގައި ހުރި ފުރުސަތުތަށް ދަރިވަރުންނަށް ފޯރުކޮށްދެވޭނެ. މިގޮތުން ރާއްޖޭގައި ހުރި ދުނިޔޭގެ ފެންވަރުގެ އިންސްޓިޓިއުޓްތަކުން މަތީތައުލީމްގެ ދާއިރާތަކުން ލިބެންހުރި ފުރުސަތުތަކުގެ މައުލޫމާތު އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރެވިގެންދާނެއެވެ.