logo
banner image

ފާނަ މަސްވެރިކަމާއި ވިޔަފާރި ތަރައްޤީވެފައިވާ ގޮތް

1990 ގެ އަހަރަތަކުގެ ކުރީކޮޅުގައި އެކްސްޕޯޓަށް ބަރޯސާވާ ފާނައިގެ މަސްވެރިކަމެއް ތަޢާރުފުވުމުގެ ކުރިން، އަމާޒުކޮށްގެން ކުރާ ފާނައިގެ މަސްވެރިކަމެއް ދިވެހިރާއްޖޭގައި ކޮށްފައެއް ނުވެއެވެ. އަދި ރާއްޖޭގައި ކެއުމަށް ބޭނުންކުރި ފާނަ ގިނައިން ބާނައިފައިވަނީ ފަރުމަހުގެ މަސްވެރިކަމުގައެވެ.

އެހެންނަމަވެސް، އިރު-ދެކުނު އޭޝިއާގެ ބާޒާރުތަކުގައި ފާނައަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން، ފާނައިގެ މަސްވެރިކަން ދިވެހިރާއްޖޭގައި ހަލުއިކަމާއެކު ފުޅާވެގެން ދިޔައެވެ. މިވަގުތު ދިވެހިރާއްޖޭގައި ކުރާ ފާނައިގެ މަސްވެރިކަމަކީ، ބޮޑަށް އެކްސްޕޯޓަށް ޚާއްޞަވެފައިވާ މަސްވެރިކަމެކެވެ. ޑިމާންޑް ބޮޑުވުމުގެ ސަބަބުންނާއި ބާޒާރުގައި ފާނައިގެ ބާވަތްތަކަށް ނިސްބަތުން ލިބޭ އަގު މަތިވުމުގެ ސަބަބުން މި މަސްވެރިކަމަށް ޝައުޤުވެރިކަން އިތުރުވިއެވެ. އަދި އެކި އަތޮޅުތަކުގައި މަސްވެރިންގެ އަތުން ފާނަ ގަތުމުގެ އިންތިޒާމު އެކްސްޕޯޓު ކުރާ ފަރާތްތަކުން ޤާއިމުކުރުމާއެކު، ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި އަގު ބޮޑެތި ފާނައަށް އަމާޒުކޮށްގެން މަސްވެރިކަންކުރުން އާންމުވިއެވެ.

ފާނަ މަސްވެރިކަމުގެ ވިޔަފާރި އެންމެ ފުރަތަމަ ދިވެހިރާއްޖޭގައި ފެށިގެން އައި އިރު، ވައިގެ މަގުން ދިރޭ ފާނަ ބޭރުކުރުމަށް ހުރި ދަތިތަކުގެ ސަބަބުން ރާއްޖޭގައި އޭރު އެންމެ ބޮޑަށް މި ވިޔަފާރީގައި ހަރަކާތްތެރިވި ކުންފުންޏާއި، ރާއްޖެއިން ބޭރުގެ އިމްޕޯޓަރުން ގުޅިގެން ލައިވް ފިޝް ކެރިއަރު ތަކެއްގައި ފާނަ މަސްވެރި ރަށްރަށުން މަސް ގަނެ އެކްސްޕޯޓުކޮށްފައި ވެއެވެ. އަދި މިގޮތަށް ލައިވް ފިޝް ކެރިއަރުތަކުގައި ދިރޭ ފާނަ ބޭރުކޮށްފައިވަނީ 2002 އިން 2009 އަށެވެ. މި މުއްދަތުގައި އެވަރެޖްގޮތެއްގައި އަހަރަކު 4 ޝިޕްމަންޓް ބޭރުކޮށްފައިވެއެވެ. މި ގޮތަށް އެންމެ އާންމު ގޮތެއްގައި ބޭރު ކޮށްފައި ވަނީ ކަސް ފާނަ އާއި އޮޅު ފާނައެވެ.

ވައިގެ މަގުން އެކްސްޕޯޓުކުރުމަށް އައި ތަރައްޤީއާއެކު ދިރޭ ފާނަ އެކްސްޕޯޓުކުރުން އިތުރުވެ، ލައިވް ފިޝް ކެރިއަރުތަކުގައި ދިރޭ ފާނަ އެކްސްޕޯޓުކުރުން ވަނީ ހުއްޓާލާފައެވެ. އަދި ދިވެހި އެކްސްޕޯޓުކުރާ ކުންފުނިތަކުން މަސް ގަތުން އިތުރުވެގެން ދިޔައެވެ.

މިހާރު އެކްސްޕޯޓަރުންގެ ޕްރޮސެސްކުރާ އުޅަނދުތަކުގައި، އާންމު ގޮތެއްގައި ހަފްތާއަކު ދެފަހަރު، މަސްވެރިންގެ އަތުން ފާނަ ގަތުމަށް ދަތުރު ކުރެއެވެ. އެކްސްޕޯޓުކުރާ ފަރާތްތަކުން ކޮށިއަޅައިގެންވެސް ފާނަ ގަތުމަށް ބައެއް ސަރަޙައްދުތަކުގައި ހަރަކާތްތެރިވެއެވެ. އެހެންނަމަވެސް ކުދި ދޯނި ފަހަރުގައި ނުވަތަ ޑިންގީތަކުގައި މަސްވެރިކަންކުރާ ބައެއް މަސްވެރިން، ޕްރޮސެސްކުރާ އުޅަނދުފަހަރު އަންނަންދެން ފާނަ ބެހެއްޓުމަށްޓަކައި އެމީހުންގެ އަމިއްލަ ކުދި ކޮށި ގެންގުޅެއެވެ. މީގެ ތެރެއިން ގިނަ މަސްވެރިންނަކީ ހަމައެކަނި ފާނައިގެ މަސްވެރިކަމުން އާމްދަނީ ހޯދައިގެން އުޅޭ މީހުންނެއް ނޫނެވެ.

ފާނަ މަސްވެރިން ރިސޯޓުތަކަށްވެސް ފާނަ ވިއްކާ އުޅެއެވެ. އެކްސްޕޯޓުކުރުމަށް ނުވަތަ އެކްސްޕޯޓަރުންނަށް ވިއްކުމަށް ކުރާ ފާނަ މަސްވެރިކަމާ ޚިލާފަށް ރިސޯޓުތަކަށް ފަރުމަހުގެ މަސްވެރިން ވިއްކާ ފާނަ އާ ބެހޭ މަޢުލޫމާތު އެކަށީގެންވާގޮތެއްގައި ލިބިފައި ނުވާކަން ފާހަގަކުރެވެއެވެ.