logo
banner image

އިންޑިއާ ކަނޑުގެ ކަޅުބިލަމަހުގެ އާބާދީގެ ސްޓޮކުގެ ހާލަތު

އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކުގެ ތެރެއިން ކަޅުބިލަމަސް، ރީނދޫއުރަހަ ކަންނެލި އަދި ލޯބޮޑުކަންނެލީގެ އާބާދީ އަންދާޒާ ކުރުމަކީ އައި.އޯ.ޓީ.ސީ ގެ ވަރކިންގ ޕާޓީ އޮން ޓްރޮޕިކަލް ޓޫނާސް ގެ ޒިންމާއެކެވެ. އަދި ލައްޓި އާއި ރާގޮނޑީގެ އާބާދީ އަންދާޒާ ކުރަނީ ވަރކިންގ ޕާޓީ އޮން ނެރިޓިކް ޓޫނާސް އިންނެވެ.

އިންޑިއާ ކަނޑުގެ ކަޅުބިލަމަހުގެ އާބާދީ، އެންމެ ފުރަތަމަ އަންދާޒާ ކުރެވިފައިވަނީ 2011 ވަނަ އަހަރުއެވެ. މި އަންދާޒާކުރުމުގައި 1950 ވަނަ އަހަރާއި 2009 ވަނަ އަހަރާ ދެމެދު އިންޑިއާ ކަނޑުގެ ކަޅުބިލަމަހުގެ އާބާދީއަށް އައިސްފައިވާ ބަދަލުތަކާއި، 2009 އަހަރުގެ އާބާދީގެ މިންވަރު އަންދާޒާކޮށްފައިވެއެވެ. މި ނަތީޖާއަށް ރިޢާޔަތްކޮށް، މުސްތަޤުބަލަށް ދެމެހެއްޓޭނޭ މިންވަރަށްވުރެ އިންޑިއާ ކަނޑުގެ ކަޅުބިލަމަހުގެ އަބާދީ މަދު ނުވާ ކަމަށާއި، ކަޅުބިލަމަހުގެ މަސްވެރިކަން ކުރެވެމުން ދަނީ އާބާދީ ދެމެހެއްޓުމަށް ގެއްލުން ނުވާނޭ މިންވަރެއްގައި ކަމަށް، ވަރކިންގ ޕާޓީ އޮން ޓްރޮޕިކަލް ޓޫނާސް އިން ކަނޑައަޅައިފައިވެއެވެ.

މި އަންދާޒާކުރުމަށް ބޭނުންވާ، މަސްވެރިކަމަށް ކުރާ ހޭދައިން މަސް ބޭނޭ މިންވަރުގެ (ކެޗް އެންޑް އެފަރޓް) މަޢުލޫމާތު ފޯރުކޮށްދީފައިވަނީ 2004 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް ނަގައިފައިވާ ދިވެހިރާއްޖޭގެ ދޮށީގެ މަސްވެރިކަމުގެ ތަފާސްހިސާބުތަކުންނެވެ. އެންމެ ފަހުން އިންޑިއާ ކަނޑުގެ ކަޅުބިލަމަހުގެ އާބާދީގެ ހާލަތުގެ އެސެސްމަންޓެއް ހަދާފައިވަނީ، 2020 ވަނަ އަހަރުއެވެ. މި އެސެސްމަންޓަށް ފަހުގައި ވެސް ވަރކިންގ ޕާޓީ އޮން ޓްރޮޕިކަލް ޓޫނާސް އިން ކަނޑައަޅައިފައިވަނީ މުސްތަޤުބަލަށް ދެމެހެއްޓޭނޭ މިންވަރަށްވުރެ އިންޑިއާ ކަނޑުގެ ކަޅުބިލަމަހުގެ އާބާދީ މަދު ނުވާ ކަމަށާއި، ކަޅުބިލަމަހަށް ކުރެވޭ މަސްވެރިކަން ކުރެވެމުން ދަނީ އާބާދީގެ ދެމެހެއްޓުމަށް ގެއްލުން ނުވާނޭ މިންވަރެއްގައި ކަމަށެވެ.