logo
banner image
ތަޢުލީމީ ވުޒާރާ

ރައީސުލްޖުމްހޫރިއްޔާ، މަތީ އަރުތަވެރީންގެ އިނާމު 2022-2023 ޖަލްސާ ޝަރަފުވެރިކޮށްދެއްވައިފި

2022-2023 ވަނަ އަހަރުގެ ބޭއްވި އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރި ދަރިވަރުންނަށް "މަތީ އަރުތަވެރީންގެ އިނާމު" ދިނުމުގެ ޖަލްސާގެ ފުރަތަމަ ދަންފަޅި ބާއްވައިފިއެވެ. ދަރުބާރުގޭގައި ކުރިއަށްދިޔަ މި ޖަލްސާގެ ފުރަތަމަ ދަންފަޅި ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ޖަލްސާގައި ކެބިނެޓްގެ ވަޒީރުންނާއި ދައުލަތުގެ އިސްވެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ.

2022-2023 ވަނަ ދިރާސީ އަހަރު ދިވެހިރާއްޖޭގެ 3،268 ދަރިވަރުން މަތީ ޘާނަވީ އިމްތިހާން ފުރިހަމަކޮށްފައިވެއެވެ. އޭގެ ތެރެއިން 376 ދަރިވަރަކު ވަނީ މުޅި ރާއްޖެއިން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ހިމެނިފައެވެ. އަދި 17 ދަރިވަރަކު ޤައުމީ ގަދަ 10 ގެ 1 ވަނައިގައި ހިމެނިފައިވާއިރު، ވަކި ވަކި މާއްދާތަކުން 9 ދަރިވަރަކު ވަނީ ދުނިޔެއިން 1 ވަނަ ހޯދާފައެވެ. މިއަހަރު ތިން އޭ* ހޯދައިގެން "އޭލެވެލް ސެޓްފިކެޓް އޮފް އެކްސެލެންސް" 27 ދަރިވަރުން ވަނީ ހާސިލުކޮށްފައެވެ.

މި ޖަލްސާގެ ފުރަތަމަ ދަންފަޅީގައި އިނާމު ހަވާލުކޮށްފައިވަނީ މަތީ ޘާނަވީ ނިންމާ އިމްތިހާނުތަކުގެ ގައުމީ ގަދަ 10ގެ 10ވަނަ، 9 ވަނަ އަދި 8 ވަނައިގައި ހިމެނުނު ދަރިވަރުންނަށާއި އެންމެ މަތީ ނަތީޖާ ހޯދި ބައެއް ދަރިވަރުން ހިމެނޭހެން ޖުމްލަ 131 ދަރިވަރުންނަށެވެ.

މަތީ އަރުތަވެރީންގެ އިނާމު 2022-2023 ޖަލްސާގެ ދެވަނަ ދަންފަޅި ފަށާނީ މެންދުރުފަހު 13:15 ގައެވެ. އަދި ރޭގަނޑު ދަންފަޅި ފަށާނީ 20:30 ގައެވެ. މި ދެ ދަންފަޅިވެސް ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.