logo
banner image

ބިންވެރިޔާ ސްކީމްގެ ދަށުން އިތުރު 23 ގޯތި ވެރިފަރާތާ ހަވާލުކޮށްފި

ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރެވުނު ގޯތިތަކުގެ ތެރެއިން އިތުރު 23 ގޯތި ވަނީ ވެރިފަރާތްތަކާ ހަވާލުކޮށްފައެވެ.

މި ގޮތުން، 29 އޮގަސްޓް 2023 ވީ ބުރާސްފަތި ދުވަހު 13 ގޯއްޗެއް ވެރިފަރާތްތަކާ ހަވާލުކުރެވުނު އިރު، 01 ސެޕްޓެމްބަރ 2023 ވީ އާދިއްތަ ދުވަހުގައި އިތުރު 10 ގޯތި ވަނީ ހަވާލުކުރެވިފައެވެ. މިއާއެކު، މިހާތަނަށް ޖުމުލަ 648 ގޯތި ވަނީ ވެރިފަރާތްތަކާ ހަވާލުކުރެވިފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ޖުމުލަ 1408 ގޯތި ދޫކުރެވިފައިވާއިރު، އަދިވެސް 761 ގޯތި ވަނީ ވެރިފަރާތްތަކާ ހަވާލުނުކުރެވިއެވެ. ވުޒާރާއިން ބުނާ ގޮތުގައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބިން ސާފުކޮށް މިނިސްޓްރީއާ ހަވާލުކުރާ ހިސާބުން، ވެރިފަރާތްތަކާ ބިން ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

މި ސްކީމްގެ ދަށުން ގުޅީފަޅާއި، ގިރާވަރުފަޅުން ލިބިފައިވާ ގޯތިތައް ހަވާލުކުރުމަށްޓަކައި ލޭންޑްޔޫސް ޕުލޭން ރިވިއުކޮށް ހިއްކުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.