logo
banner image

ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް މެކްސް ޕްލޭންކް ފައުންޑޭޝަންގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފި

ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް މެކްސް ޕްލޭންކް ފައުންޑޭޝަން ފޯ އިންޓަނޭޝަނަލް ޕީސް އެންޑް ދަ ރޫލް އޮފް ލޯގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވައިފިއެވެ.

މިއަދު ބަންޑާރަނައިބުގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި މެކްސް ޕްލޭންކް ފައުންޑޭޝަން ފޯ އިންޓަނޭޝަނަލް ޕީސް އެންޑް ދަ ރޫލް އޮފް ލޯގެ ފަރާތުން، އެފައުންޑޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޔޮހަނެސް ކްރޫސްމަރކް-ކެމިން އާއި އެ ފައުންޑޭޝަންގެ ރިސަރޗް ފެލޯ، ޕްރަވީން ޗަކޯ ނިނަން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ބަންޑާރަނައިބުގެ އޮފީހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމަނާފައިވާ ޤާނޫނުތަކުގެ މަސައްކަތްތައް ފުރިހަމަކުރުމުގައި، އެ ފައުންޑޭޝަނުން ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން، ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ މަސައްކަތްތައް ފުރިހަމަކުރުމުގައި ބޭނުންވާ ދިރާސާތައް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، އިސްލާޙުކުރަން ޖެހޭ ޤާނޫނުތަކުގެ ދެލިކޮޕީ ތައްޔާރުކުރުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި އެކަމާގުޅޭ ތަމްރީނުތައް ފޯރުކޮށްދިނުމާގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މެކްސް ޕްލޭންކް ފައުންޑޭޝަން ފޯ އިންޓަނޭޝަނަލް ޕީސް އެންޑް ދަ ރޫލް އޮފް ލޯ އަކީ، 20 މާރޗު 2024 ގައި އިނިޝިއޭޓްކޮށްފައިވާ، 'އެކައުންޓަބިލިޓީ އެންޑް އިންޓެގްރިޓީ މެޓަރސް ޕްރޮޖެކްޓް' (އެއިމް ޕްރޮޖެކްޓް) ގެ ދަށުން، އެއްބަސްވެފައިވާ ލަނޑުދަނޑިތައް ޙާޞިލްކުރުމަށްޓަކައި، ބަންޑާރަނައިބުގެ އޮފީހަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ، އެ ޕްރޮޖެކްޓްގެ ފަންނީ ބައިވެރިއެކެވެ. އެއިމް ޕްރޮޖެކްޓަކީ، އީޔޫގެ އެހީތެރިކަމާއެކު، ޔޫ.އެން.ޑީ.ޕީ އިން ތަންފީޛުކުރަމުންގެންދާ، ޢަދުލު އިންސާފާއި ހިންގުމުގެ ނިޒާމް ހަރުދަނާކުރުމާގުޅޭ ޕްރޮޖެކްޓެކެވެ.

މިފައުންޑޭޝަންގެ މަޤްޞަދުތަކުގެ ތެރޭގައި، ދުނިޔޭގެ ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމާއި ޤާނޫނު ނެގެހެއްޓުމަށްޓަކައި ކުރާ ދިރާސާތަކާއި، މަސައްކަތުގެ ޤާބިލުކަން އިތުރުކުރުމާއި ކޮންފްލިކްޓް ރިޒޮލިއުޝަންގެ ތަމްރީނުތައް ދިނުން ހިމެނެއެވެ.