logo
banner image

އެޓަރނީ ޖެނެރަލްގެ އޮފީހުގެ ތާރީޚްގެ ތެރެއިން

މިއަދަކީ އެޓަރނީ ޖެނެރަލްގެ އޮފީހަށް 74 އަހަރު ފުރޭ އުފާވެރި މުނާސަބަތެވެ. މިދުވަހުގެ މުނާސަބަތުގައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަށާއި، މުވައްޒަފުންގެ ޢާއިލާތަކަށް ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސް ކުރަމެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުގެ މިވީ ދިގު ތާރީޚުގައި، މި އޮފީހުން ކުރަމުން އައިސްފައިވާ މަސައްކަތްތަކަށް ދިވެހިރާއްޖޭގެ ދުސްތޫރީ ޙަޔާތުގެ އެކި ދުވަސްވަރުގައި، ބަދަލުތަކެއް އައިސްފައިވެއެވެ. އެއިން ބައެއްކަންކަން މި ލިޔުމުގައި ފާހަގަކޮށްފައިއެވަނީއެވެ.

އެގޮތުން، 1950 ވަނަ އަހަރު ބަންޑާރަނައިބުގެ އޮފީހަކީ ވަކި މުސްތަޤިއްލު އޮފީހެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައެވެ. ހަމަ އެއަހަރު، ޖިނާއީ ކުށްތަކާއި ސިޔާސީ މައްސަލަތަކުގައި މެނުވީ ބަންޑާރަނައިބުގެ އޮފީހުން ތަޙުޤީޤު މަރުޙަލާގައި ޙާޟިރުވާން ނުޖެހޭގޮތަށް ހަމަޖެހިގެން ދިޔައެވެ. އެއަށްފަހު، 1960 ވަނަ އަހަރުގެ ތެރޭގައި ތަޙުޤީޤުގެ އެއްވެސް މަރުޙަލާއެއްގައި ބަންޑާރަނައިބުގެ އޮފީހުގެ އެއްވެސް ޙިއްސާއެއް ނޯންނަގޮތަށް ހަމަޖެހިގެން ދިޔައެވެ.

ބަންޑާރަނައިބުގެ އޮފީހުގެ ނަން "އެޓަރނީ ޖެނެރަލްގެ އޮފީސް" ގެ ނަމަށް ބަދަލުކޮށްފައިވަނީ 1968 ގައެވެ. އަދި އޮފިޝަލް ކަންތައް ޗެޕްޓަރ 1 އަށް ގެނެވުނު އިޞްލާޙުގެ ދަށުން، ރަސްމީ ސިފައެއްގައި މިއޮފީހުގެ މަސައްކަތްތައް ކުރަން ފެށުމަށްފަހު، އެއަހަރު،ބަންޑާރަނައިބުގެ މަޤާމަކީ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ މަޤާމެއްގެ ގޮތުގައި ހަމަޖެހިގެންދިޔައެވެ. އަދި ސަރުކާރުގެ އިދާރާތަކަށް ދޭންޖެހޭ ޤާނޫނީ ލަފާދިނުމަކީ އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރަންޖެހޭ މަސައްކަތްތަކެއްގެ ގޮތުގައި ހަމަޖެހިގެން ދިޔަކަން ފާހަގަކޮށްލެވެއެވެ.

ހަމައެއާއެކު، 1978 ވަނަ އަހަރުގެ ތެރޭގައި ދިވެހި ސަރުކާރާއި އެހެނިހެން ފަރާތްތަކާ ދެމެދު ކުރެވޭ އެކިއެކި އެއްބަސްވުންފަދަ ލިޔުންތަކާއި ބެހޭގޮތުން ޤާނޫނީ ގޮތުން ބަލަންޖެހޭ ބެލުންތައް ބެލުމަކީ މިއޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައެވެ.

އެއަށްފަހު 1998 ގައި ޢަމަލުކުރަންފެށުނު "ނޫ" ޤާނޫނުއަސާސީގައި ފުރަތަމަ ފަހަރަށް ޤާނޫނުއަސާސީގައި ލިޔެވިގެން، ބަންޑާރަނައިބުގެ މަޤާމަކީ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ މަޤާމެއްގެ ގޮތުގައި ހަމަޖައްސައި، ބަންޑާރަނައިބުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރެވިގެން ދިޔައެވެ.

ދިވެހިރާއްޖޭގައި ޒަމާނީ ދިމިޤްރާތީ ނިޒާމެއް ޤާއިމްކުރުމަށްޓަކައި 2000 ވަނަ އަހަރު ފެއްޓެވި އިޞްލާޙީ އެޖެންޑާގެ ދަށުން ކުރެވުނު މަސައްކަތްތަކުގައި ބަންޑާރަނައިބުގެ އޮފީހުން މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. އެގޮތުން، 2002 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ލޯ ކޮމިޝަން އުފެއްދެވުމުން، އެ އިދާރާގެ ކަންތައްތައް ޖުމްލަ ގޮތެއްގައި ބަލަހައްޓައި، ހިންގުމުގެ މަސައްކަތްތައް މި އޮފީހުން ކުރިއަށްގެންގޮސްފައިވާއިރު، އެ ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ބަންޑާރަނައިބެވެ. އަދި 2005 ވަނަ އަހަރު ދިވެހިރާއްޖޭގައި ފުރަތަމަ ލޯ ލައިބްރަރީ ހުޅުވުމާ ގުޅިގެން، އެ ލައިބްރަރީގެ އިދާރީ މަސައްކަތްތައް ރާވައި ހިންގުމުގައިވެސް މި އޮފީހުން ޙަރަކާތްތެރިވެފައިވެއެވެ.

ދިވެހިރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭގޮތަށް ހިންގޭ ސިޔާސީ އަދި ހިންގުމުގެ ނިޒާމެއް ތަޢާރަފުކުރުމަށްޓަކައި، 2008 ވަނަ އަހަރުގެ އޮގަސްޓްމަހު ޢަމަލުކުރަން ފަށާފައިވާ "ފެހި" ޤާނޫނުއަސާސީގެ ދަށުން ޢައްޔަނުކުރެވުނު ފުރަތަމަ ބަންޑާރަނައިބަކީ، އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދެވެ.

ދިވެހިރާއްޖޭގެ ބަންޑާރަނައިބު ކަމުގައި މިހާރު ހުންނެވި، އަލްއުސްތާޛު އަޙްމަދު އުޝާމްއަކީ، ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީގެ ދަށުން ޢައްޔަނުކޮށްފައިވާ ދިވެހިރާއްޖޭގެ ހަތްވަނަ ބަންޑާރަނައިބެވެ.