ޑިވެލޮޕްމަންޓް ބޭންކްގެ އަމަލީ މަސައްކަތް ޖުލައިގައި ފަށަންތައްޔާރުވަނީ
ދިވެހި ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ ގޮތަށް މމިމަހުގެ 16 ވަނަދުވަހު ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކްގެ އަމަލީ މަސައްކަތް ޖުލައި މަހު ފެށުމަށް ތައްޔާރުވަމުންދާކަމަށް އިގްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ކުންފުއްޏާބެހޭ ގާނުނޫނުން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށާއި ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކޮށް ދިވެހި ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެކެވެ.
ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދެވުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ޑިވެލޮމަންޓް ބޭންކްގެ މަސައްކަތް އަމަލީގޮތުން ފެށުމާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން އިގްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ މި ބޭންކް އުފެއްދުމަށް ކުރަންޖެހޭ އިދާރީ ހުރިހާ މަސައްކަތެއް ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ނިންމާފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ ޑިވެލޮޕްމަންޓް ބޭންކްގެ ލައިސަންސް ހޯދުމަށް އެމްއެމްއޭއަށް ހުށަހަޅާފައިވާކަމަށާ އަންނަ ހަފްތާގެ ތެރޭގައި ބޭންކް ހިންގުމަށް ބޭނުންވާ ލައިސަންސް އެމްއެމްއޭގެ ތެރެއިން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ލައިސަންސް ލިބުމާ އެކު ޖުލައި މަހުގެ ތެރޭގައި ޑިވެލޮޕްމަންޓް ބޭންކްގެ އަމަލީ މަސައްކަތް ފެށޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ރާއްޖޭގައި އިގްތިސާދީ މަސައްކަތްތަކަށް ފައިސާ ހޯދާނެ މާގިނަ ގޮތްތަކެއް އަދި މާވަރުގަދަ ގިނަ ބޭންކްތަކެއް މިވަގުތު ނެތްކަމަށާ އެހެންކަމުން ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް ހުޅުވައި އަވަހަށް މަސައްކަތް ފަށައިގަތުމަކީ ރައީސް މުއިއްޒު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމުގައެވެ.