logo
banner image

ރާއްޖޭގެ މާލީ ޙާލަތު އަންދާޒާކުރި ވަރަށްވުރެ ހަލުވިކަމާއެކު ރަނގަޅުވޭ: އިގްތިސާދީ ވަޒީރު

ރާއްޖޭގެ މާލީ ހާލަތު ފުރަތަމަ އަންދާޒާކުރި ވަރަށް ވުރެ ހަލުވިކަމާއެކު ރަނގަޅުވަމުން އަންނަ ކަމަށް އިގްތިސާދި ތަރައްގީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގައި ރާއްޖެ ބަނގުރޫޓުވެފައިވާ ކަމަށް ކަނޑައަޅައި އެހީތެރިކަމަށް އެދުނު ކަމަށް ބުނެ ބައް ފަރާތްތަކުން ކުރާ ތުހުމަތަށް ޖަވާބުދެއްވަމުންނެވެ.

ވަޒީރު ވަނީ އައިއެމްއެފްގެ އެއްވެސް ޕްރޮގްރާމެއްގައި ރާއްޖެއިން ބައިވެރިވާން ނުޖެހޭ ކަމަށް ވިދާޅުވެ އެ ވާހަކަތައް ހަރުކަށި އިބާރާތުން ދޮގުކުރައްވާފައެވެ. އަދި ސިޔާސީ ގޮތުން ޤައުމުގެ މާލީ ނިޒާމު ނިކަމެތިކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރަމުންދާކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ.

ރާއްޖެހާލަތު ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުންދާހާ ގޯސް ނޫން ކަމަށާއި އެ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ވަނީ ވޯލްޑް ގަވަރމަންޓްސް ސަމިޓްގައި އައި.އެމް.އެފްގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓަލީނާ ޖޯޖީވާއާ ދުބާއީގައި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޖޯޖީވާ ވަނީ ބޭރާއި އެތެރޭގެ ގޮންޖެހުންތަކުން އަރައިގަނެ ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމަށް ޓަކައި ފުޅާ ދާއިރާއެއްގައި ފިސްކަލް އިޞްލާޙުތަކެއް ގެންނަންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި އިޤްތިޞާދީ އިޞްލާޙު ގެނައުމުގެ އެޖެންޑާގެ ދަށުން ރައީސް މުޢިއްޒުގެ ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް އެކަމަނާވަނީ ވިދާޅުވެފައެވެ.