logo
banner image

ކިގާލީ އެޗް.އެފް.ސީ އިމްޕްލިމެންޓޭޝަން ޕްލޭންގެ ޤައުމީ ވެލިޑޭޝަން މަސައްކަތު ބައްދަލުވުން ބާއްވައިފި

މޮންޓްރިއަލް ޕްރޮޓޮކޯލްގެ ކިގާލީ އެމެންޑްމަންޓްގެ ދަށުން ދިވެހިރާއްޖެއިން ވެފައިވާ ވަޢުދުތައް ފުރިހަމަކުރުމަށް އެހީތެރިވުމުގެ ގޮތުން، "ކިގާލީ އެޗް.އެފް.ސީ އިމްޕްލިމެންޓޭޝަން ޕްލޭން (ކޭ.އައި.ޕީ) ސްޓޭޖް 1" ގެ ޤައުމީ ވެލިޑޭޝަން މަސައްކަތު ބައްދަލުވުން، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ބާއްވައިފިއެވެ.

މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ކިގާލީ އެމެންޑްމަންޓް ތަންފީޒުކުރުމަށް އެކުލަވައިލާ ޕްލޭނަކީ ޤައުމީ އިސްކަންދޭ ކަންކަމާއި އެކި ދާއިރާތަކުގެ ބޭނުންތައް ފުރިހަމައަށް ހިމެނޭ ގޮތަށް އެކުލަވައިލެވިފައިވާ ޕްލޭނެއްކަން ކަށަވަރުކުރުމެވެ. އެގޮތުން، މި ދާއިރާއާ ގުޅުންހުރި އެކި ފަރާތްތައް އެއްތަނަކަށް އެއްވެ، މި ޕްލޭނާ ގުޅޭގޮތުން މަޝްވަރާކޮށް، މުހިންމު ޚިޔާލުތަކާއި ހުށަހެޅުންތައް ވަނީ ޙިއްޞާކޮށްފައެވެ.

ރާއްޖެއަކީ ތިމާވެއްޓަށް ގެއްލުންދޭ ގޭސްތައް މަދުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ޤައުމެކެވެ. އެގޮތުން 2008 ވަނަ އަހަރު ސީ.އެފް.ސީ ބޭނުންކުރުން އެއްކޮށް ހުއްޓާލާފައިވާއިރު، 2020 ވަނަ އަހަރު ވަނީ އެޗް.ސީ.އެފް.ސީ ބޭނުންކުރުންވެސް ކާމިޔާބުކަމާއެކު ހުއްޓާލާފައެވެ. މި ކާމިޔާބީތަކުގެ މައްޗަށް ބިނާކޮށް، ކިގާލީ އެމެންޑްމަންޓްގެ ދަށުން އަމާޒު ހިފާފައިވަނީ 2045 ވަނަ އަހަރުގެ ނިޔަލަށް އެޗް.އެފް.ސީ އުފެއްދުމާއި ބޭނުންކުރާ މިންވަރު 80 އިންސައްތައަށް ދަށްކުރުމަށެވެ. އަދި މި ލަނޑުދަނޑި ޙާޞިލުކުރުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، 2029 ވަނަ އަހަރާ ހަމައަށްދާއިރު 10 އިންސައްތަ މަދުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

މި ސަރުކާރުން އިސްކަންދޭ ތިމާވެށީގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުމަކީ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށާއި، އޯޒޯން ފަށަލަ ޙިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކުގައި ރާއްޖޭގެ ދައުރު އިތުރަށް ހަރުދަނާވެގެންދާނެ މުހިންމު ފިޔަވަޅެކެވެ.