ނުރައްކާތެރި ކެމިކަލާއި ކުނި ރައްކާތެރިކަމާއެކު ބެލެހެއްޓުމާ ބެހޭ ތަމްރީނު ޕްރޮގްރާމެއް ކޮޅުނބުގައި ފަށައިފި
ނުރައްކާތެރި ކެމިކަލާއި ކުނި ރައްކާތެރިކަމާއެކު ބެލެހެއްޓުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ކަމާބެހޭ މުއައްސަސާތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ތިން ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި ފަށައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ލަންކާ ރެސްޕޮންސިބަލް ކެއާ ކައުންސިލާއި، އިންޓަނޭޝަނަލް ކައުންސިލް އޮފް ކެމިކަލް އެސޯސިއޭޝަންސް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިއީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ޕޮޕްސް (POPs) ޕްރޮޖެކްޓުގެ ދަށުން، ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ މާލީ އެހީތެރިކަމާއި، ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްގެ އެއްބާރުލުމާއެކު އިންތިޒާމުކޮށްގެން ބާއްވާ ހަރަކާތެކެވެ.

މި ތަމްރީނުގައި ރާއްޖޭގެ އެކި އިދާރާތަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ، މިނިސްޓްރީ އޮފް ޑިފެންސް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)، އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ އިތުރުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފުން ހިމެނެއެވެ.

ޕްރޮގްރާމުގެ ފުރަތަމަ ދުވަހު އަލިއަޅުވާލާފައިވަނީ ކެމިކަލް ގިންތިކުރުމާއި ލޭބަލްކުރުމުގެ ބައިނަލްއަޤްވާމީ މިންގަނޑު ކަމަށްވާ "ގްލޯބަލީ ހާމަނައިޒްޑް ސިސްޓަމް" (ޖީ.އެޗް.އެސް) އާއި، އެކި ބާވަތުގެ ކެމިކަލް އެކުވުމުން ދިމާވެދާނެ ނުރައްކާތަކުގެ އިތުރުން ނުރައްކާތެރި ކެމިކަލް ރައްކާތެރިކަމާއެކު ބޭނުންކުރުމާއި ގުދަންކުރުމާ ބެހޭގޮތުންނެވެ.

މީގެއިތުރުން، ފުރަތަމަ ދުވަހުގެ ސެޝަންތަކުގައި ކެމިކަލްތަކުން ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަތުމަށާއި، "ސޭފްޓީ ޑޭޓާ ޝީޓްސް" (އެސް.ޑީ.އެސް) ކިޔައި ދެނެގަންނާނެ ގޮތްތަކާއި، ނުރައްކާ އަންގައިދޭ ރަނގަޅު ލޭބަލްތައް ފާހަގަކުރާނެ ގޮތްތައް ބައިވެރިންނަށް ވަނީ އޮޅުންފިލުވައިދީފައެވެ. އަދި ނުރައްކާތެރި ކެމިކަލް ރިއެކްޝަންތައް ހިނގިޔަނުދިނުމަށްޓަކައި، ކެމިކަލް ވަކިވަކިން ރައްކާކޮށް ބެހެއްޓުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ދީފައިވެއެވެ.

މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ނުރައްކާތެރި ކެމިކަލާއި ކުނި ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކޮށް، ތިމާވެއްޓާއި އާންމު ޞިއްޙަތަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ކަމާބެހޭ އިދާރާތަކުގެ ހުނަރާއި މަޢުލޫމާތު މުއްސަނދިކުރުމެވެ.
