ރަށްރަށުގައި ބޭނުންކުރާ C3 އަދި C4 ކެޓަގަރީގެ ތިންފުރޮޅުލީ އުޅަނދުތައް ރަޖިސްޓަރީކުރުމަށް ސަރުކާރުން ބޮޑެތި ލުއިތަކެއް ދީފި
ރާއްޖޭގެ ރަށްރަށުގައި ބޭނުންކުރަމުންދާ C3 އަދި C4 ކެޓަގަރީގެ ތިންފުރޮޅުލީ އުޅަނދުތައް ރަޖިސްޓަރީކުރުމުގައި ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، އެފަދަ އުޅަނދުތައް ރަޖިސްޓަރީކުރުމަށް ސަރުކާރުން ޚާއްޞަ ލުއިތަކެއް ދޭން ނިންމައި އެކަން އިޢުލާނުކޮށްފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ނެރުނު އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އަތޮޅުތެރޭގައި ދުއްވާ ބައެއް އެއްގަމު އުޅަނދުތައް ތަފާތު ސަބަބުތައް މެދުވެރިވެގެން ރަޖިސްޓަރީ ނުކުރެވި ގިނަ ދުވަސްތަކެއް ވަންދެން ބޭނުންކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މިފަދަ އުޅަނދުތައް ރަޖިސްޓަރީކުރުމަށް ލާޒިމުވާ ބައެއް ލިޔެކިޔުންތައް ވެރިފަރާތުގެ އަތުގައި ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން މިހާރު ވަނީ ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ.
އެގޮތުން ގެނެވުނު ބަދަލުތަކުގެ ތެރޭގައި، ފަސިންޖަރުންނާއި މުދާ އުފުލުމަށް ބޭނުންކުރާ C3 އަދި C4 ކެޓަގަރީގެ ތިންފުރޮޅުލީ އުޅަނދުތަކަކީ، ޤާނޫނު ނަންބަރު 16/2026 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 14 ވަނަ މާއްދާގެ ދަށުން އަމިއްލަ ބޭނުމަށް ރަޖިސްޓަރީކޮށްދެވޭ އުޅަނދުތަކެއްގެ ގޮތުގައި މިހާރު ވަނީ ގިންތިކުރެވިފައެވެ. މިއާއެކު މި ކެޓަގަރީތަކުގެ އުޅަނދުތައް އަމިއްލަ ފަރުދުންގެ ނަންމަތީގައި ރަޖިސްޓަރީކޮށްދެވޭނެ ކަމަށާއި، ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މި އުޅަނދުތައް ރަޖިސްޓަރީކުރުމާ ގުޅިގެން ދައްކަންޖެހޭ ފީތައް މަޢާފުކޮށްދިނުމަށް ވެސް ވަނީ ނިންމާފައެވެ.
މީގެއިތުރުން، ރާއްޖެއަށް އިމްޕޯޓްކުރިތާ ގިނަދުވަސްވުމުގެ ސަބަބުން ނުވަތަ ރަޖިސްޓަރީކުރުން ލާޒިމްކުރުމުގެ ކުރިން ރާއްޖެ އެތެރެކޮށް އަތޮޅުތެރޭގައި ބޭނުންކުރަމުންދާ މިފަދަ އުޅަނދުތަކުގެ ލިޔެކިޔުންތައް ގެއްލިފައިވާ ފަރާތްތަކަށް ވެސް މިނިސްޓްރީން ވަނީ ބޮޑު ލުޔެއް ދީފައެވެ. އެގޮތުން، ލިޔެކިޔުންތައް ފުރިހަމައަށް ނެތް ނަމަވެސް، އެ އުޅަނދެއްގެ ރޯޑްވާދިނަސް ލިޔުމަށް ބެލުމަށްފަހު ރަޖިސްޓަރީކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
