ކުޅުދުއްފުށީގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށާއި ކުޅި ހިމާޔަތްކުރުމާ ގުޅޭގޮތުން އޭޑީބީން ކައުންސިލާ ބައްދަލުކޮށްފި
މޫސުމީ ވިލުންވެރިކަމާއި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމުގެ މަޝްރޫޢު (އީ.ސީ.އާރު.އެފް.އެސް) ގެ ރިވިއު މިޝަންގެ ދަށުން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ވަފުދެއް ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އާ ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ކުޅުދުއްފުށީގެ އެތެރޭގެ ފެންހިންދުމުގެ ނިޒާމު ހަރުދަނާކުރުމަށާއި، ރަށުގެ ކުޅި އަދި ޗަކަބިންތައް އިއާދަކޮށް ހިމާޔަތްކުރުމަށް ހުށަހެޅިފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އެ ކަންކަން މުރާޖަޢާ ކުރުމެވެ.

މި ބައްދަލުވުމުގައި، މި މަޝްރޫޢުގެ ދަށުން ތަންފީޒުކުރުމަށް ހުށަހެޅިފައިވާ ކޮންސެޕްޓްތަކަށް އަލިއަޅުވާލައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އެއަށްފަހު، އޭޑީބީގެ ވަފުދުން ވަނީ ކުޅުދުއްފުށީގެ ކަމާބެހޭ ސަރަޙައްދުތަކަށް ޒިޔާރަތްކޮށް، ހާލަތު ވަޒަންކޮށްފައެވެ. މިގޮތުން ވާރޭވެހުމުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ފެންބޮޑުވެފައި ހުންނަ ގެތަކަށާއި، ފެން ބޭރުކުރުމަށް ކަނޑައެޅިދާނެ އައުޓްފޯލް ސަރަޙައްދުތައް ވަނީ ބަލައި ފާސްކޮށްފައެވެ.

މިފަދަ ބައްދަލުވުންތަކާއި ސައިޓް ވިޒިޓްތަކުގެ ސަބަބުން، ހުށަހެޅިފައިވާ ހައްލުތައް އަމަލީ މައިދާނުގައި ހުރިގޮތް ބަލައި، ރަށުގެ ރައްޔިތުންނާއި ކައުންސިލްގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ ފުރުޞަތު ލިބިގެންދެއެވެ. އަދި މީގެ ސަބަބުން، ކުޅުދުއްފުށީގެ މުޖުތަމަޢަށް އެންމެ އެކަށޭނަ ގޮތެއްގައި މަޝްރޫޢުގެ ފައިނަލް ޑިޒައިންތައް އެކުލަވާލުމަށާއި، ރޭވިފައިވާ މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.
