ރަޖިސްޓްރާރ އޮފް އިންޓަލެކްޗުއަލް ޕްރޮޕަރޓީގެމަގާމަށް އަލްއުސްތާޛު ޢަބްދުﷲ ސިޔާޒް އައްޔަންކުރައްވައިފި
ރަޖިސްޓްރާރ އޮފް އިންޓަލެކްޗުއަލް ޕްރޮޕަރޓީގެ މަގާމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ މަގާމުގައި ހުންނެވި އަލްއުސްތާޛު ޢަބްދުﷲ ސިޔާޒް އައްޔަންކުރައްވައިފިއެވެ.
ސިޔާޒް މި މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން މިނިސްޓްރީން އޭނާއަށް މަރުހަބާ ދަންނަވާފައިވެއެވެ. މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތަކީ، ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީއެވެ.
މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހަކީ ދިވެހިރާއްޖޭގައި ފިކުރީ މުދަލުގެ ހައްޤުތައް ޙިމާޔަތްކޮށް، ކުރިއަރުވައި، ތަންފީޛުކުރުމަށްޓަކައި ޤާއިމް ކުރެވިފައިވާ އޮފީހެކެވެ. މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ހެމެނެނީ:
· ފިކުރީ މުދާ ރަޖިސްޓަރީކުރުން.
· ރަޖިސްޓަރީކުރެވޭ ފިކުރީ މުދަލުގެ ދަފްތަރެއް އެކުލަވާލައި އަދާހަމަކޮށް ބެލެހެއްޓުން.
· ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ އިންޓެލެކްޗުއަލް ޕްރޮޕަރޓީ ޖަމާޢަތްތަކާ ގުޅުން ޤާއިމުކޮށް ބަދަހިކުރުމާއެކު އެ ޖަމާޢަތްތަކުން ފަންނީ އެހީތެރިކަމާއި ލަފާ ހޯދުން.
· ފިކުރީ މުދަލާގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ބައިވެރިވުމާގުޅޭ ކަންކަމާއި އެ މުޢާހަދާތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުމާއި ވިލަރެސްކުރުން.
· ފިކުރީ މުދަލުގެ ދާއިރާއިން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އަންނަ ކުރިއެރުންތައް ދިރާސާކުރުން.
· ފިކުރީ މުދަލާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުންދާ ޤާނޫނުތަކުގެ ދަށުން ލިބިދޭ ޙައްޤުތަކާ ގުޅޭގޮތުން ޢާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން.
· ފިކުރީ މުދަލާގުޅޭ ކަމާބެހޭ ޤާނޫނުތަކުގެ ދަށުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމާއި އެ ޤާނޫނުތަކުގެ ދަށުން އެ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ނެގުން.
