ޗައިނާގައި ކުރިއަށްދާ ގްލޯބަލް ޗިލްޑްރަންސް އެންވަޔަރަންމަންޓަލް ހެލްތު ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެއްޖެ
ޗައިނާގެ ބެއިޖިންގްގައި މިހާރު ކުރިއަށްދާ "ގްލޯބަލް ޗިލްޑްރަންސް އެންވަޔަރަންމަންޓަލް ހެލްތު ކޮންފަރެންސް" ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު މުޞްޠަފާ އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު އަޙްމަދު ނާޞިރެވެ.

ޔުނިސެފާއި އެ ޖަމްޢިއްޔާގެ ބައިވެރިން ގުޅިގެން އިންތިޒާމުކޮށްފައިވާ މި ކޮންފަރެންސަކީ، މޫސުމަށް އަންނަ ބަދަލުތަކާއި، ވައިގެ ތަޣައްޔަރުވުމާއި، ފެން ތަޣައްޔަރުވުން ފަދަ ތިމާވެށީގެ ނުރައްކާތަކުން ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި ޤާނޫނުތަކާއި ސިޔާސަތުތައް ހަރުދަނާކޮށް، ތަންފީޛީ ފިޔަވަޅުތައް ވަރުގަދަކުރުމަށް މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އެކި ޤައުމުތަކުގެ ސަރުކާރުތަކުގެ މަންދޫބުންނާއި، ސިޔާސަތު އެކުލަވައިލާ ފަރާތްތަކުގެ އިތުރުން ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެ، ޚިޔާލާއި ތަޖުރިބާ ދަނީ ޙިއްޞާކުރަމުންނެވެ.
މި ކޮންފަރެންސްގެ ސަބަބުން ރާއްޖެއަށް ބައިނަލްއަޤްވާމީ ތަޖުރިބާތަކުން މަޢުލޫމާތު ލިބި، ތިމާވެއްޓާއި ޞިއްޙީ ދާއިރާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. އަދި ތިމާވެށީގެ ސަބަބުން ކުޑަކުދިންގެ ޞިއްޙަތަށް ކުރިމަތިވާ ނުރައްކާތަކަށް ޢަމަލީ ގޮތުން ޙައްލު ހޯދުމަށް ފުރުޞަތު ފަހިވެގެންދާނެއެވެ.

މީގެއިތުރުން، ޤައުމީ ފެންވަރުގައި އެކުލަވައިލާ ސިޔާސަތުތަކުގެ ތެރެއަށް، ޚާއްޞަކޮށް ނޭޝަނަލް އެޑަޕްޓޭޝަން ޕްލޭން (އެން.އޭ.ޕީ) އަދި ނޭޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަންސް (އެން.ޑީ.ސީ) ގައި މޫސުމީ ވިލުންވެރިކަމާއި ޞިއްޙީ ކަންކަން އެކުލަވައިލުމުގައި ރާއްޖެއިން ކޮށްފައިވާ ތަޖުރިބާތައް ވެސް މި ބައްދަލުވުމުގައި ޙިއްޞާކުރަމުންދެއެވެ.
މި ބައްދަލުވުމުގެ ސަބަބުން ލިބޭ ޢިލްމާއި ބަދަހިވާ ގުޅުންތަކުގެ އެހީގައި، ދިވެހި ކުޑަކުދިންނަށް ޞިއްޙަތު ރަނގަޅު، ރައްކާތެރި އަދި މޫސުމީ ގޮތުން ވިލުންވެރި މާޙައުލެއް ޤާއިމުކޮށްދިނުމަށްޓަކައި ކުރިމަގުގައި އެކަށައަޅާ ސިޔާސަތުތަކަށާއި އަޅާ ފިޔަވަޅުތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
