logo
banner image

އެންތާލިޔާގައި ކުރިއަށްދިޔަ ކޮޕް31 ބައްދަލުވުން މުހިންމު ނިންމުންތަކަކާއެކު ނިންމާލައިފި

ތުރުކީވިލާތުގެ އެންތާލިޔާގައި ކުރިއަށްދިޔަ އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ 31 ވަނަ ބައްދަލުވުން (ކޮޕް31)، އެޖެންޑާގެ ގިނަ ކަންތައްތަކަކާ ގުޅޭގޮތުން މުހިންމު ނިންމުންތަކެއް ނިންމުމަށްފަހު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ސަމިޓުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށް ނިންމުންތައް ނިންމާފައިވަނީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، މޫސުމީ ކަންކަމަށް ބޭނުންވާ މާލީ އެހީތެރިކަން (ކްލައިމެޓް ފައިނޭންސް) ފޯރުކޮށްދިނުމާ ގުޅޭ މުހިންމު ދާއިރާތަކުންނެވެ. މި ނިންމުންތަކަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބާރުއަޅައިދޭނެ ނިންމުންތަކެކެވެ.

މި ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލުމާ ގުޅިގެން ދިވެހިރާއްޖެއިން ވަނީ، ބައްދަލުވުމުގެ އެކި މަރުޙަލާތަކުގައި ޤައުމުތަކުގެ މެދުގައި އިއްތިފާޤުވުން ޤާއިމުކުރުމަށް ތުރުކީވިލާތާއި އޮސްޓްރޭލިއާއިން އަދާކުރި އިސް ދައުރަށާއި ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކޮށްފައެވެ.

މީގެއިތުރުން، މި ފަހަރުގެ ސަމިޓުގައި އެއްބަސްވުމަކަށް ނާދެވި ހުރި މައްސަލަތައް ކުރިއަށް ގެންގޮސް، އެކަންކަމަށް އެދެވޭ ޙައްލެއް ހޯދުމަށްޓަކައި ކޮޕްގެ ރިޔާސަތަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް ދިވެހިރާއްޖެ އަބަދުވެސް ތައްޔާރަށް އޮތްކަން ރާއްޖޭގެ ފަރާތުން ވަނީ ހާމަކޮށްފައެވެ.

ކޮޕް31 ގެ ނިންމުންތަކާއެކު، މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވަމުންދާ ނުރައްކާތަކުން ސަލާމަތްވުމަށް ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް އައު ދިރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.