logo
banner image

މޫސުމީ ނުރައްކާތަކުގެ މަޢުލޫމާތު ބޭނުންކޮށްގެން ފިޔަވަޅު އެޅުމަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމެއް މެޓް އޮފީހުން ފަށައިފި

މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ނުރައްކާތައް ދެނެގަނެ، އެކަމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ފަށައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ގްރީން ކްލައިމެޓް ފަންޑު (ޖީ.ސީ.އެފް) ގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ "ޓުވާޑްސް ރިސްކް-އަވެއާ އެންޑް ކްލައިމެޓް-ރެޒިލިއަންޓް ކޮމިއުނިޓީސް" (ޓްރެކްޓް) މަޝްރޫޢުގެ ދަށުން، ވޯލްޑް މީޓިއޮރޮލޮޖިކަލް އޮގަނައިޒޭޝަން (ޑަބްލިއު.އެމް.އޯ) އިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިއީ ރާއްޖޭގެ މޫސުމީ ޚިދުމަތްތަކާއި، ކުރިމަތިވެދާނެ ނުރައްކާތަކުގެ ކުރިން އިންޒާރުދޭ ނިޒާމު ހަރުދަނާކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.

2026 ނޮވެމްބަރު 22 އިން 26 އަށް މެޓް އޮފީހުގައި ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމް ހިންގަވަނީ ޑަބްލިއު.އެމް.އޯ އަދި ސްޕެއިންގެ ޔުނިވާސިޓީ ރޮވީރާ އީ ވިރްގިލީގެ ސެންޓަރ ފޯ ކްލައިމެޓް ޗޭންޖްގެ ތަޖުރިބާކާރުންނެވެ. މި ޕްރޮގްރާމުގައި ރާއްޖޭގެ ހުރިހާ ސަރަޙައްދީ މެޓް އޮފީސްތަކުގެ މުވައްޒަފުން ދަނީ ބައިވެރިވަމުންނެވެ.

މި ތަމްރީނުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަނީ ޑަބްލިއު.އެމް.އޯ އިން ތާއީދުކުރާ އޯޕަން ސޯސް ވަސީލަތްތައް ބޭނުންކުރާނެ ގޮތްތަކުގެ މައްޗަށެވެ. އޭގެ ތެރޭގައި އެކި ދާއިރާތަކަށް ޚާއްޞަ މޫސުމީ އިންޑެކްސްތައް ޙިސާބުކުރުމަށް ބޭނުންކުރާ ސޮފްޓްވެއަރ އެއް ކަމަށްވާ "ކްލައިމްޕެކްޓް" (Climpact) އާއި، ދުނިޔެއާއި ސަރަޙައްދީ މޫސުމީ މޮޑެލްތަކުން ތައްޔާރުކޮށްފައިވާ އިންޑިކޭޓަރުތައް ބެލުމަށް އެހީތެރިވެދޭ "ކްލައިމެޓް އިންފޮމޭޝަން ޕޯޓަލް" (CIP) ހިމެނެއެވެ. މީގެ އިތުރުން "ކްލައިމެޓް ސައިންސް އިންފޮމޭޝަން ފޯ ކްލައިމެޓް އެކްޝަން" (CSICA) ގެ މެތޮޑޮލޮޖީއަށް ވެސް މި ތަމްރީނުގައި ޚާއްޞަ ސަމާލުކަމެއް ދެވެއެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި މޫސުމީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޤާބިލުކަން އިތުރުކޮށް، އެކި ދާއިރާތަކުން ނިންމާ ނިންމުންތަކަކީ މޫސުމީ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ނިންމާ ނިންމުންތަކަކަށް ހެދުމަށް މަގުފަހިކުރުމެވެ.