logo
banner image

ސުލްޙަވެރި މުޖުތަމަޢުތައް ބިނާކުރުމަށް ބޭއްވި ސަރަޙައްދީ ފޯރަމްގައި ޑިރެކްޓަރ މުޙުސިނާ ޢަބްދުއްރަޙްމާން ބައިވެރިވެވަޑައިގެންފި

ދެކުނު އޭޝިއާ ސަރަޙައްދުގައި ޞުލްޙަ މަސަލަސްކަމާއި، އެންމެންގެ ބައިވެރިވުން އެކުލެވޭ އަދި ވިލުންވެރި މުޖުތަމަޢުތަކެއް ބިނާކުރުމުގެ މަޤްޞަދުގައި ބޭއްވި ސަރަޙައްދީ ފޯރަމެއްގައި މޫސުމީބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާއިގެ ޑިރެކްޓަރ މުޙުސިނާ ޢަބްދުއްރަޙްމާން ބައިވެރިވެވަޑައިގެންފިއެވެ.

މި ނޮވެންބަރު މަހުގެ 17 އިން 20 އަށް ތައިލެންޑުގެ ބެންކޮކްގައި ކުރިއަށްދިޔަ މި ފޯރަމަކީ "ވިމެން، ޕީސް އެންޑް ސެކިއުރިޓީ" އެޖެންޑާގެ ދަށުން، ޔޫ.އެން ވިމެން އިން އިންތިޒާމުކޮށްގެން ބޭއްވި ބައްދަލުވުމެކެވެ. މި ފޯރަމް ބޭއްވުމުގައި ޖަޕާން ސަރުކާރުގެ ދީލަތި އެހީތެރިކަން ވަނީ ލިބިފައެވެ.

މި ފޯރަމްގެ މައިގަނޑު އަމާޒަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގައި ޞުލްޙަ ދެމެހެއްޓުމަށާއި، ކާރިސާތަކާއި ގޮންޖެހުންތަކުން އަރައިގަތުމުގައި އަންހެނުންގެ ދައުރު ފުޅާކުރުމާއި، އެންމެންގެ ޙައްޤުތައް ކަށަވަރުކުރެވިފައިވާ ވިލުންވެރި މުޖުތަމަޢުތަކެއް ބިނާކުރުމަށް މަޝްވަރާކުރުމެވެ.

މި ފޯރަމްގެ ތެރެއިން ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަނެއްގައި ޑިރެކްޓަރ މުޙުސިނާ ޢަބްދުއްރަޙްމާން ވަނީ ވާހަކަދައްކަވާފައެވެ. މިގޮތުން، މި ދާއިރާއިން ދިވެހިރާއްޖެ ދެކޭގޮތާއި ރާއްޖޭގެ ތަޖުރިބާތައް ޙިއްޞާކުރައްވަމުން، ސަރަޙައްދީ ފެންވަރުގައި މިފަދަ ކަންކަމުގައި ގުޅުން ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ފޯރަމުގައި ދެކުނު އޭޝިއާގެ އެކި ޤައުމުތަކުގެ މަންދޫބުން ބައިވެރިވެ، ޞުލްޙަމަސަލަސްކަން ޤާއިމުކުރުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.