logo
banner image

ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު" ހއ.ބާރަށުގައި ހުޅުއްވައިދެއްވައިފި

"ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު" ހއ.ބާރަށުގައި މިއަދު ހުޅުއްވައިދެއްވައިފިއެވެ.

ތިނެއް ނޮވެންބަރުގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި، ޝަހީދު އަލްމަރްޙޫމް އިބްރާހީމް ޙުސައިން ނިސްބަތްވާ ރަށް، ހއ.ބާރަށު ސްކޫލުގައި ބޭއްވި މި މައުރަޒު ހުޅުއްވައިދެއްވީ މާލެ އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، އިސްމާޢީލް ނަޞީރެވެ.

އާންމުކޮށް ހުޅުވާލައިގެން ހއ.ބާރަށު ސްކޫލުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ މި މައުރަޒު ޚާއްޞަކޮށްފައިވަނީ 1988 ނޮވެންބަރު 3ވަނަ ދުވަހުގެ ޢުދުވާނީ ހަމަލާގައި ޝަހީދުވެ ދިޔަ، ޝަހީދުންގެ ޒިކުރާއާއި ދިވެހިންނަށް ލިބުނު ނަޞްރާއި ކާމިޔާބީއަށެވެ. މި މައުރަޒުން އެ ދުވަހުގެ ޢުދުވާނީ ހަމަލާތައް ފެށި ވަގުތުން ފެށިގެން ދިވެހިންނަށް ނަޞްރު ލިބުމާ ހަމައަށް ހިނގައިދިޔަ ކަންތައްތައް ވަގުތު ފީތާއެއް ގޮތަށް ސިފަ ކޮށްލެވޭނެހެން އެ ދުވަހުގެ ފޮޓޯތަކާއި، ކުރެހުންތަކާއި، އަޑާއި މަންޒަރާއި، އަދި ލިޔުންތައް ވަނީ ހިމަނާފައެވެ. އަދި، ދިވެހި ސިފައިންނާއި ދިވެހިން ވީ ޤުރުބާނީއާއި ދެއްކި ގަދަހިތްވަރު، މި މައުރަޒުން ތަޞައްވުރުކޮށްލެވޭނެއެވެ.

މައުރަޒު ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ނޮވެންބަރު 20އިން 21ވަނަ ދުވަހުގެ ނިޔަލަށެވެ. މައުރަޒު ހުޅުވިފައި ހުންނާނީ ހަވީރު 16:00އިން 18:00އަށް، އަދި ރޭގަނޑު 20:00އިން 22:00އަށެވެ.

މީގެ އިތުރުން ހއ.ބާރަށުގައި މި މައުރަޒު ބޭއްވުމަށް ޓަކައި ބާރަށު ކައުންސިލުން ވެދެއްވާ އެހީތެރިކަމުގެ އަގުވަޒަންކޮށް އެމްއެންޑީއެފުން ވަނީ އެ ކައުންސިލަށް ހަނދާނީ ފިލައެއް އަރުވާފައެވެ. މިގޮތުން ބާރަށު ކައުންސިލްގެ ރައީސް، އަލްފާޟިލް ޢަލީ ޝަމީމަށް އެމްއެންޑީއެފްގެ ފަރާތުން މި ފިލާ ހަވާލުކޮށްދެއްވީ އެމްއެންޑީއެފްގެ އެޖުޓަންޓް ޖެނެރަލްސް ކޯރގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް މުޙައްމަދު ނާޒިމެވެ.

މި މައުރަޒު ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިންނާއި، ބާރަށު ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހީމް ޝުޖާއުއާއި، ހއ.ބާރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި، ހއ. ބާރަށުގެ ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންނާއި ސްކޫލުގެ ދަރިވަރުން ބައިވެރިވެލެއްވިއެވެ.