ޖުމްހޫރީ ވެރިކަމުގެ ބިންގަލަކީ ރައްޔިތުން، ދެމިއޮތުމުގެ ސިއްރަކީ ހަރުދަނާ އަޚުލާޤު: ވަޒީރު ހީނާ ވަލީދު
ޖުމްހޫރީ ވެރިކަމުގެ ބިންގަލަކީ ވެސް އަދި ތަރަހައަކީ ވެސް ރައްޔިތުން ކަމަށާއި، ޤައުމެއްގެ ގޮތުގައި ދެމިތިބުމަށް ޓަކައި ހަރުދަނާ އަޚުލާޤެއްގެ މަތީގައި ތިބުން މުހިންމު ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމީ ޖަލްސާގައި މަރުޙަބާއާއި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޖުމްހޫރިއްޔަތަކީ ވެރިކަމުގައި ރައްޔިތުންނަށް ބައިވެރިވުމުގެ ޙައްޤާއި މިނިވަންކަން ކަށަވަރުކޮށްދޭ ނިޒާމެއް ކަމަށެވެ.
ދިވެހި ދައުލަތުގެ ގަދީމީ ތާރީޚަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ވިދާޅުވީ، 1,500 އަހަރަށް ވުރެ ކުރީއްސުރެ ދިވެހި ވެރިކަމުގެ ޚަބަރުތައް ފެންނަން ހުރުމަކީ ޤައުމުގެ ދޮށިކަމާއި ހައިބަވަންތަކަން ހާމަވާ ކަމެއް ކަމަށާއި، 1953 ވަނަ އަހަރާ ހަމައަށް އޮތް ރަސްކަމުގައި ވެސް ޖުމްހޫރީ ސިފަތައް އެކުލެވިފައި އޮތުމަކީ ލިބުނު ފަޚުރެއް ކަމަށެވެ.
މީގެ އިތުރުން، މަރުޙޫމު އިބްރާހީމް ޝިހާބުގެ ނަސޭހަތްޕުޅުތައް ހަނދުމަ އާކުރައްވައި، އަނެކުންނަށް އިޙްތިރާމްކޮށް ޤައުމަށް އިޚްލާޞްތެރިވުމަށް ވަޒީރު ގޮވާލެއްވިއެވެ. އަދި ޚިދުމަތްތެރީންގެ އަގުވަޒަންކުރައްވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކުރައްވައި، ޝަރަފާއި އިނާމު ލިބިވަޑައިގަތް ފަރާތްތަކަށް މަރުޙަބާ ވިދާޅުވިއެވެ.
