ނޭޝަނަލް އޯޒޯން ޔުނިޓުގެ ސްޓިއަރިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ނޭޝަނަލް އޯޒޯން ޔުނިޓުގެ ސްޓިއަރިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި، ރާއްޖޭގައި އޯޒޯން ފަށަލަ ހިމާޔަތްކުރުމަށާއި ފިނިކުރާ ގޭސްތައް (ރެފްރިޖަރަންޓްސް) މެނޭޖްކުރުމާ ގުޅޭ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ މުހިންމު 7 މުއައްސަސާއެއްގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސްޓިއަރިންގ ކޮމިޓީއަކީ މޮންޓްރިއަލް ޕްރޮޓޮކޯލްގެ ދަށުން ނޭޝަނަލް އޯޒޯން ޔުނިޓުން ކުރިއަށްގެންދާ މަޝްރޫޢުތަކާއި ހަރަކާތްތައް ވިލަރެސްކުރުމަށާއި، ގުޅުންހުރި ފަރާތްތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މަޤްޞަދުގައި އެކުލަވާލެވިފައިވާ މުހިންމު ޕްލެޓްފޯމެކެވެ. މީގެ އިތުރުން ކިގާލީ އެމެންޑްމަންޓް ތަންފީޒުކުރުމާއި، މުއައްސަސާތައް ހަރުދަނާކޮށް ބާރުވެރިކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ކުރިއަށްގެންދިއުމަށްވެސް މި ކޮމިޓީގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.

މި ބައްދަލުވުމުގައި ވަނީ އޯޒޯން ފަށަލަ ހިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީތަކަށް އަހުލުވެރިވުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
