ކްލައިމެޓް ފައިނޭންސްގެ ޕްރޮގްރެސް ރިޕޯޓް އިފްތިތާޙުކުރުމުގައި ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ މުހިންމު ދައުރެއް އަދާކުރައްވައިފި
ކޮޕް31 (COP31) ސަމިޓުގެ ތެރެއިން ބޭއްވި މޫސުމީ މާލީ އެހީއާ ބެހޭ ވަޒީރުންގެ ފެންވަރުގެ 7 ވަނަ ބައްދަލުވުމުގައި، މިނިސްޓްރީ އޮފް ކުލައިމެޓްޗޭންޖް އެންވަޔަރަމަންޓް އެންޑް އެނަރޖީގެ ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ އިސް ދައުރެއް އަދާކުރައްވައިފިއެވެ.
ސްޓޭންޑިންގ ކޮމިޓީ އޮން ފައިނޭންސް (އެސް.ސީ.އެފް) ގެ މެންބަރެއްގެ ހައިސިއްޔަތުން އަމްޖަދު ޢަބްދުﷲ ވަނީ މި ބައްދަލުވުމުގައި، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް މޫސުމީ ބަދަލުތަކާ ކުރިމަތިލުމަށް އެހީތެރިވުމުގެ ގޮތުން ކަނޑައަޅާފައިވާ އަހަރަކު 100 ބިލިއަން ޑޮލަރުގެ ލަނޑުދަނޑިއާ ގުޅޭ 3 ވަނަ ޕްރޮގްރެސް ރިޕޯޓު ކޯ-ފެސިލިޓޭޓް ކުރައްވާފައެވެ.
"7 ވަނަ ބައިއީނިއަލް ހައި-ލެވެލް މިނިސްޓީރިއަލް ޑައިލޮގް އޮން ކްލައިމެޓް ފައިނޭންސް" ގެ ނަމުގައި ކުރިއަށްދިޔަ މި މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގައި ލިބިފައިވާ ކުރިއެރުންތައް ވަޒަންކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި، ތަރައްޤީވެފައިވާ ޤައުމުތަކުން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ 100 ބިލިއަން ޑޮލަރުގެ އެހީގެ މިހާރުގެ ހާލަތާއި، އެ ލަނޑުދަނޑި ޙާޞިލުކުރުމަށް ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްޞީލު ދުނިޔޭގެ ޤައުމުތަކުގެ ވަޒީރުންނާ ވަނީ ހިއްސާކުރައްވާފައެވެ.
މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާ ކުދި ޖަޒީރާ ޤައުމެއްގެ ގޮތުން، ބައިނަލްއަޤްވާމީ މިފަދަ މުހިންމު ޕްލެޓްފޯމެއްގައި ރާއްޖޭގެ ތަޖުރިބާކާރަކު މިފަދަ އިސް ދައުރެއް އަދާކުރެއްވުމަކީ، މޫސުމީ މާލީ އެހީގެ ނިޒާމު ހަރުދަނާކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ބާރެކެވެ.
